ދައްކަން މިއުޅެނީ ލ.ލިންކް ރޯޑުގެ ވާހަކަ އެވެ. 24 ގަޑިއިރު، މެދު ކެނޑުމެއް ނެތި ވެހިކަލްތައް ދެކޮޅަށް ދަތުރު ކުރަމުން އަންނަ ބިޒީ ރޯޑެއްގެ ވާހަކައެވެ. ހަމަ މިއާއި އެކު ލިންކް ރޯޑަށް ޖޮގިންއަށް ނިކުންނަ ޒުވާނުންނާއި މެދުއުމުރު ފުރައިގެ މީހުންނާއި މުސްކުޅިން ވެސް މަދެއް ނޫނެވެ. ހާއްސަކޮށް ފަތިސް ގަޑީގައާއި ރޭ ގަނޑުގެ ވަގުތު ތަކުގައެވެ.
މިއީ އެއްވެސް މައްސަލައެއް ނޫނެވެ. ދުޅަހެޔޮ ސިއްޚަތެއްގެ މަތީ ދެމި ތިބުމަށް ޖޮގިންއަށް ގޮސް ކަސްރަތު ކޮށްލުން ހަމަ އެންމެ ރަނގަޅެވެ. ކަން މިހެން އޮތް ނަމަވެސް މިގޮތަށް ޖޮގިންއަށް ގޮސް ލިންކް ރޯޑު ބޭނުން ކުރާާ މީހުން ސަމާލުކަން ދޭންޖެހޭ ކަމެއްގެ ވާހަކަ ބުނެލާނަމެވެ. އެއީ ޖޮގިންނަށް ނުކުންނަ ހަމަ ކޮންމެ މީހަކުވެސް ވިސްނާލަން ޖެހޭ ކަމެއްގެ ވާހަކައެވެ. މި ވާހަކަ ބުނެލުމުގެ ކުރިން ކުޑަ ހާދިސާއެއް ހިއްސާކޮށްލާނަމެވެ.
އަޅުގަނޑު ދިޔައީ ގަމު ރީޖަނަލް ހޮސްޕިޓަލްގައި ވިހައިގެން އޮތް އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސަކަށް ގޮވާލާށެވެ. އަޅުގަނޑު ލިންކު ރޯޑުގައި ސައިކަލް ދުއްވާފައި ދިޔައީ މާ ބާރު ދުވެލީގައެއްވެސް ނޫނެވެ. އެއީ ރޭގަނޑެއް ކަމަށް ވުމުން މިދެންނެވިހެން ޖޮގިންއަށް ނުކުމެ އުޅޭ މީހުންގެ އަދަު ގިނައެވެ. ބައެއް މީހުން މަގުގެ ޕޭމަންޓް މަތިންނެވެ. އަނެއް ބަޔަކު މަގުގެ މެދުން ނެވެ. އަނެއް ބަޔަކު މަގުގެ އެއްފަޅިންނެވެ.
އަޅުގަނޑު ސައިކަލް ދުއްވާފައި ދިޔައީ މަގުގެ ގަވައިދު ފަޅިންނެވެ. ސައިކަލުގައި ދުއްވާފައި ވަކި ހިސާބަކަށް ދިޔަތަނުން ކުއްލިޔަކަށް ސައިކަލްގެ ބުރެކި ޖައްސާ ހުއްޓުވާލަން ޖެހުނީ މަގުގެ މެދުން ދުވެފައި އައި ބައިގަނޑެއް ކުރިމައްޗަށް އެރުމުންނެވެ. އެމީހުން ދުވެފައި އައީ މަގުގެ މެދުން ކަހަލަ ގޮތަކަށެވެ. ރޭ ގަނޑު މަގުގެ ބައެއް ހިސާބު އަނދިރި ވެފައި އޮންނާތީ އެގޮތައް އަންނަ މީހުން ފާހަގަ ކުރެވޭނެ ގޮތެއް ވެސް ނޯވެއެވެ. ފެންނަނީ ކުއްލިއަކަށް ކުރިމައްޗަށް އައިސް ޖެހޭ ތަނެވެ. ސަލާމަތްވީ ހަމަ ކިރިޔާއެވެ.
ދެވަނަ އަށް ދިމާވި ކުޑަ ހާދިސާއެއްވެސް ހިއްސާ ކޮށްލާނަމެވެ. މިފަހަރު މިއީ ދުވާލު މެންދުރު ވަގުތެވެ. އެއީ ކައްދޫ ކޯޒުވޭ މައްޗެވެ. ފުދޭވަރަކަށް ބާރު ސްޕީޑުގައި ކާރެއް ދުއްވާފަ ދިޔައެވެ. ލިންކް ރޯޑުން ފޮނަދޫން ގަމަށް އެ ކާރު ދުއްވާފައި ދިޔައީ މަގުގެ ޤަވައިދު ފަޅިންނެވެ. އޭރު ސިފައިންގެ ހަތަރު ވަރަކަށް މީހުން މަޑު ދުވެލީގައި މަގުގެ ގަވައިދު ފަޅިން ދުވަމުން އައެވެ. ކާރު ގޮސް އެމީހުންނާއި ފުދޭ ވަރަކަށް ދުރުން ބަރުގޮނު އަޅާލިއެވެ.
ނަމަވެސް އެމީހުންނަށް އަޑުއިވޭކަމަށް ނުވިތާ އެ ކާރަށް ތަންދީފައި އެއްފަރާތައްްވެސް ޖެހި ނުލިއެވެ. އެންމެ ފަހުން އެ ކާރު ދުއްވަން އިން މީހާ އެމީހުންނާއި އަރާ ހަމަކޮށް ކާރު މަޑުކޮށް ކޮންމެވެސް އެއްޗެކޭ ކިޔާ އަތް އުކި މަންޒަރުވެސް ފެނުނެވެ. ހީވާ ގޮތުން ހިތްހަމަ ނުޖެހިގެން އެއްޗެކޭ ބުނީއެވެ. މިއީ މިކަން ވާން ޖެހޭ ގޮތްކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ސިފައިންގެ މީހަކަސް އަދި އާދައިގެ މީހަކަސް މިފަދަ ހާލަތުގައި ދުއްވާފައި ދިޔަ ކާރަށް ތަންދޭން ޖެހެއެވެ. ނަމަވެސް މަންޒަރު ފެނުނީ މަގުން ޖޮގިން ކޮށްފައި އައި މީހުން އެ ކާރަށް ތަން ނުދީ ބީރުކަންފަތެއް ދިންތަނެވެ.
މިފަދަ ހާލަތެއްގައި މަގުން ދުއްވާފައިދާ ކާރު ނޫނީ ސައިކަލް ފަދަ ތަކެއްޗަށް ތަން ނުދީ މިގޮތަށް މަގު މެދުން ޖޮގިންކޮށް ހަދާނަމަ ހާދިސާއެއް ކުރިމަތި ވުމަކީވެސް ދުރުގައި އޮތްކަމެއް ނޫނެވެ. މިއީ ހަމަ ކޮންމެ މީހަކުވެސް ވިސްނާ ފިކުރުކޮށްލަން ޖެހޭ ހަޤީޤަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް