މިހާތަނަށް ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާއާއެކު އެމްޓީސީސީގެ މާލީ ހިސާބުތައް ޢާންމުކޮށްފި

އެމްޓީސީސީ ގެ 40 އަހަރުގެ ދިގު ތާރީޚުގައި  މިހާތަނަށް މާލީ އަހަރެއް ގައި ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާއާއެކު 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާގެ މާލީ ހިސާބުތައް ޢާންމުކޮށްފިއެވެ. އެ ކުންފުނީގެ 20...

23 Jan 2021 | 10:50

އެމްޓީސީސީ ގެ 40 އަހަރުގެ ދިގު ތާރީޚުގައި  މިހާތަނަށް މާލީ އަހަރެއް ގައި ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާއާއެކު 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާގެ މާލީ ހިސާބުތައް ޢާންމުކޮށްފިއެވެ.

އެ ކުންފުނީގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާގެ މާލީ ހިސާބުތައް މީޑިޔާއާ ހިއްސާކުރުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިވް ވިދާޅުވީ، އެމްޓީސީސީއަށް 203.11 މިލިއަން ރުފިޔާގެ ފައިދާއެއް ވެފައި ވާއިރު، މިއީ މިހާތަނަށް މިވަރުގެ ފައިދާއެއް ލިބުނު ފުރަތަމަ ފަހަރު ކަމުގައި ފާހަގަކުރައްވާފައެވެ.

އެމްޓީސީސީގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގެ މާލީ ނަތީޖާ މިއަދު އެ ކުންފުނީގެ ވެބްސައިޓްގައި

އާންމުކޮށްފައި ވާއިރު،  ކުންފުނީގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގައި، ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 85.62 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މާލީ ނަތީޖާ ދައްކައެވެ.

މިއީ 2019 ވަނަ އަހަރުގެ މިމުއްދަތުގައިލިބުނު ނަތީޖާއާއި އަޅާބަލާއިރު %15.52 އިތުރުއަދަދެކެވެ.

2020 ވަނައަހަރުގެ ހަތަރުވަނަ ކުއާޓާރގައި  އެމްޓީސީސީން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން ހަތަރުވަނަ ކުއާޓާރގައި ވަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކާމިޔަބުކަމާއިއެކުހިންގާފައެވެ.

އެމްޓީސީސީން ވަނީ 52 މަޝްރޫއެއްގައި މަސައްކަތް ކޮށް 11 މަޝްރޫއެއްގެ މަސައްކަތް ނިންމާލާފައެވެ. އަދި 5 ޕްރޮޖެކްޓެއްގެ މަސައްކަތް މި ކުއަރޓާގައި ފަށައި، އިތުރު 17 މަޝްރޫއެއްގެ މަސައްކަތާ ހަވާލުވެފައެވެ. އަދި މުޅި އަހަރަށް ބަލާލާއިރު، ޖުމުލަ 34 އުމްރާނީ ތަރައްޤީ މަޝްރޫއެއްގެ މަސައްކަތް 2020 އަހަރު ތެރޭ ނިންމާލެވިފައިވާކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އާދަމް އާޒިމް އިތުރަށް ވިދާޅުވެފައި ވަނީ، މަސައްކަތްތައް މިހާ ރަނގަޅަށް ކުރިއަށް ގެންދެވިފައި ވަނީ، ކުންފުނީގެ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތުން ކަމަށެވެ. އަދި އެ ފަރާތްތަކަށް އެހާ ރަނގަޅަށް މަސައްކަތްތައް ކުރެވުނީ، އެ ފަރާތްތަކުގެ އާއިލާތަކުން ދެއްވާ އެއްބާރުލުމުން ކަން ފާހަގަ ކުރައްވާ، އެމްޓީސީސީގެ މުވައްޒަފުންނާއި އެބޭފުޅުންގެ އާއިލާތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮވިޑްގެ ހާލަތުގައިވެސް އެމްޓީސީސީގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންގޮސްފައި ވެއެވެ. އެގޮތުން 3 މަސްދުވަހު މުވައްޒަފުން ގޭގައި ތިބެ މަސައްކަތް ކޮށްފައި ވާއިރު، ގޭގައި މަސައްކަތް ކުރާއިރުވެސް، ރަސްމީކޮށް އޮފީސް ފެށޭގަޑީގައި މަސައްކަތްތައް ފަށަން ކަނޑައަޅައިގެން ކުރިއަށް ގެންދިޔައެވެ.

2020 ވަނަ އަހަރަކީ އެމްނެ ގިނަ ޕްރޮޖެކްޓްތައް ނިންމުނު އަހަރަށް ވެފައި، ކޮވިޑްގެ ހާލަތުގައިވެސް އެމްޓީސީސީއަށް ގެއްލުންވެފައި ނުވާކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

އެމްޓީސީސީގެ އިންފްރާންސްޓްރަކްޗރ ހަރުދަނާ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާއިރު، އެކަމަށްޓަކައި އެ ކުންފުނީގެ އެޑްމިނިސްޓްރޭޓިވް ފަންގްޝަންތައް ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ކުރަމުން ދެއެވެ. މީގެ އިތުރުން އެ ކުންފުނީގެ އިކުއިޕްމަންޓްތަކާއި ހިއުމަން ރިސޯސްތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށްޓަކައި ވެސް އެ ކުންފުނިން މަސައްކަތްތަކެއް ކުރަމުންދެއެެވެ.

އެގޮތުން އެމްޓީސީސީގެ އިކުއިޕްމަންޓްތަކުގަ މަސައްކަތް ކުރާ މުވައްޒަފުންނަކީ ދިވެހިންނަށް ހެދުމަށް މަސައްކަތް ފަށާފައި ވާއިރު މުވައްޒަފުންގެ ތަމްރީނުތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް އެކުންފުނިން ހާމަކުރެއެވެ.

ކުންފުނިން ކުރާ ޚަރަދުތައް ކުޑަކުރުމަކީ އެ ކުންފުނީގެ އެއް އަމާޒަށް ވާއިރު، ދިވެހި ރާއްޖޭގެ ކޯޕަރޭޓް ގަވަރނަރސްގެ ތެރެއިން އެންމެ ހަރުދަނާ ގޮތެއްގައި ހިނގާ ކުންފުންޏަކީ އެމްޓީސީސީއަށް ހެދުމަކީ އެ ކުންފުނިން އެންމެ ބޮޑަށް ބޭނުންވާ އެއް ކަމުގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

މިގޮތުން ކޯޕަރޭޓިޕް ގަވަރނާރސް ހަރުދަނާ ކުރުމަށްޓަގައި އެ ކުންފުނީގެ މުވައްޒަފުންނަށް ޓްރެއިނިންގްތަކެއް ކުރިއަށް ދާނެއެވެ. އަދި އިންޓަރނަލް އޮޑިޓް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ވެސް އެ ކުންފުނިން މަސައްކަތް ކުރާނެކަމަށް ޕްރެސްގައި ފާހަގަ ކުރެެއްވިއެވެ.

ސްޕީޑްފެރީގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ސަރުކާރާއެކު ވެފައިވާ އެއްބަސްވުމާބެހޭ ބައެއް ވާހަކަތައް ވެސް ހިއްސާކުރަމުން އާޒިމް ވިދާޅުވީ، މި އަހަރުގެ ސެޕްޓެމްބަރ/އޮކްޓޯބަރ ތެރޭގައި މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފެށިގެން ދާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް