ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން "ސީދާ ހަރަކާތަށް" ނުކުންނަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން "ސީދާ ހަރަކާތަށް" ނުކުންނަށް ނިންމައިފި އެވެ. މިގޮތަށް ނިންމީ މިއަދު ބޭއްވި ޕީޕިއެމް ޕީއެންސީ ޖޮއިންޓް ކޯލި...

23 Jan 2021 | 09:05

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން "ސީދާ ހަރަކާތަށް" ނުކުންނަށް ނިންމައިފި އެވެ.

މިގޮތަށް ނިންމީ މިއަދު ބޭއްވި ޕީޕިއެމް ޕީއެންސީ ޖޮއިންޓް ކޯލިޝަންގެ ބައްދަލުވުމުގައި އެވެ. މި ބައްދަލުވުމުގައި ވަނީ ހައި ކޯޓުގެ ހުކުމް ބަލައި ނުގެންނަންވެސް ނިންމާފައި އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރު ދުވަހަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރީ 2019 ނޮވެމްބަރު 28 ވަނަ ދުވަހު އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ވަނީ ދެ ފަނޑިޔާރުންގެ ތާއީދާއި އެކު ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކޮށްފައި އެވެ.

މިކަމާއި ގުޅިގެން މިއަދު ބޭއްވި ޖޮއިންޓް ކޯލިޝަންގެ ބައްދަލުވުމުގައި "ސީދާ ހަރަކާތަށް" ނުކުތުމަށް ގަރާރު ހުށަހެޅުއްވީ ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އެވެ.

އަބްދުއް ރަހީމް ގަރާރު ހުށަހަޅުއްވަމުން ވިދާޅުވީ ހައި ކޯޓުގެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ސަރުކާރުގެ ނުފޫޒާ އެއްގޮތަށް ކޮށްފައިވާ ހުކުމެއް ކަމަށް އިދިކޮޅު ކޯލިޝަނުން ދެކޭ ކަމަށެވެ. މައްސަލަ ހައިކޯޓުގައި ދިގުލައިގެން ގޮސްފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނާއި ސަރުކާރުގެ ނުފޫޒު ވަދެގެން ގަބޫލުކުރާ ކަމަށާއި، ހައިކޯޓުން ހުކުމް އިއްވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މައްސަލަ ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުތައްވެސް ފަހަނައަޅައި ދިޔަ ފަހުން ކަމަށް އެ ގަރާރު ހުށަހަޅުއްވަމުން އަބްދުއް ރަހީމް ވިދާޅުވި އެވެ.

ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުން ވަނީ އަބްދުއްރަހީމްގެ ގަރާރަށް ތާއީދު ކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް