އެއް ރިސޯޓުން އަނެެއް ރިސޯޓަށް ދާ މުވައްޒަފުން ކަރަންޓީން ވާން ޖެހޭގޮތަށް ހަމަޖައްސައިފި އެވެ.
ކުރިން ހަމަޖައްސާފައި އޮތް ގޮތުން މާލެއިން ރިސޯޓުތަކަށް ވަގުތީގޮތުން ދާ މަސައްކަތް ކުރުމަށް ދާ މުވައްޒަފުން ގެންދަން ޖެހެނީ 72 ގަޑިއިރު ނުވާ ކޯވިޑް ޕީސީއާރު ނެގެޓިވް ޓެސްޓު ނަތީޖާ އެކެވެ. އެ މުވައްޒަފުންނާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ދާއިރު ކުރިން ކަރަންޓީން ވާކަށް ނުޖެހެ އެވެ.
އެކަމަކު ޓޫރިޒަމް މިނިސްޓްރީން ބުނީ އެއް ރިސޯޓުން އަނެއް ރިސޯޓަސް ދާ މުވައްޒަފުން 10 ދުވަހަށް ކަރަންޓީން ވާން ޖެހޭނެ ކަމަށެވެ. މިގޮތަށް ނިންމި މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ކޯވިޑް-19 ޕޮލިސީ މީޓިންގައި ކަމަށް ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން އެއް ރިސޯޓުން އަނެއް ރިސޯޓަށް ދާ މުވައްޒަފުންނާއި އެއް މެނޭޖްމެންޓެއްގެ ދަށުން ހިންގާ ރިސޯޓުތަކަށް ވިޔަސް މުވައްޒަފުން ބަދަލު ކުރާ ނަމަ ކަރަންޓީން ވާން ޖެހޭނެ ކަމަށެވެ. އަދި ވަޒީފާއަށް ނުކުމެވޭނީ ކަރަންޓީން ނިންމައި ކޯވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވުމުން ކަމަށެވެ.
ކޯވިޑްގެ ކޭސްތައް ކޮންޓްރޯލްވެފައި އޮތުމަށް ފަހު މިހާރު އަނެއްކާވެސް ކުއްލިއަކަށް ކޭސްތައް އިތުރުވެފައިވާއިރު އެންމެ ބޮޑެތި ކްލަސްޓާތައް މިހާރު ހުރީ ރިސޯޓުތަކުގައި އެވެ. އޭގެ ތެެރެއިން ބައެއް ރިސޯޓުތަކުގައި 80 އާއި ގާތް ކުރާ އަދަދަކަށް މުވައްޒަފުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ.
އެޗްޕީއޭއިން ރޭ އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިވަގުތު ރިސޯޓުތަކުގައި 342 އެކްޓިވް ކޯވިޑް ކޭސް އެބަހުއްޓެވެ. އަދި ސަފާރީތަކުގައި ނުވަ ކޭސް އެބަ ހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް