ރިސޯޓުތަކުގައި މުވައްޒަފުން ގިނަ އިރު މަސައްކަތް ކުރަން ޖެހޭތީ ޓީމުގެ ނުރުހުން!

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މެދު ރިސޯޓުތަކުގެ މެނޭޖްމެންޓުން އިހުމާލުވަމުންދާ ކަމަށް ބުނެ ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ހިތްހަމަ ނުޖެހުން ފާޅުކޮ...

23 Jan 2021 | 05:57

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މެދު ރިސޯޓުތަކުގެ މެނޭޖްމެންޓުން އިހުމާލުވަމުންދާ ކަމަށް ބުނެ ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވިފަހުން ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު ކުރިއެކޭ ގާތްގަނޑަކަށް އެއްވަރަށް ވަނީ އިތުރުވެފައި އެވެ. އެކަމަކު އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޝަކުވާއަކީ އެ ބަދަލު މުވައްޒަފުންގެ މުސާރައަށް ނައުމެވެ.

މި މައްސަލައިގަ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ ޓީމް އިން ބުނީ އަދިވެސް ބައެއް ރިސޯޓުތަކުގައި މުވައްޒަފުން ލައްވާ މަސައްކަތް ކުރުވަމުން ދަނީ ކުޑަކުރި މުސާރައިގަ ކަމަށެވެ. އަދި އެ މުވައްޒަފުން ލައްވާ 10 ގަޑިިއިރު މަސައްކަތް ކުރުވާ ކަމަށް ބުނެފައިވެ އެވެ.

އެ ޖަމިއްޔާއިން ބުނީ ގިނަ ރިސޯޓުތަކުގައި މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ ކޯވިޑްގެ ހާލަތުގައި އެއްވެސް ސަލާމަތާއި ރައްކާތެރިކަމެއް ނެތި ކަމަށެވެ. ގިނަ އަދަދެއްގެ މުވައްޒަފުން ކޯވިޑަށް ޕޮސިޓިވްވަމުން ދަނީ ރިސޯޓުތަކުގެ މެނޭޖްމެންޓުގެ އިހުމާލުން ކަމަށް ޓީމް އިން ބުނެ އެވެ.

ޓީމް އިން ބުނީ އާއިލާ އާއި ދުރުގައި ގައުމަށްޓަކައި ގުރުބާންވަމުން އަންނަ އެ މުވައްޒަފުންނަށް ހައްލު ލިބެންޖެހޭ ކަަށެވެ.

ކޯވިޑްގެ ކޭސްތައް ކޮންޓްރޯލްވެފައި އޮތުމަށް ފަހުމިހާރު އަނެއްކާވެސް ކުއްލިއަކަށް ކޭސްތައް އިތުރުވެފައިވާއިރު އެންމެ ބޮޑެތި ކްލަސްޓާތައް މިހާރު ހުރީ ރިސޯޓުތަކުގައި އެވެ. އެގޮތުން އޭގެ ތެެރެއިން ބައެއް ރިސޯޓުތަކުގައި 80 އާއި ގާތް ކުރާ އަދަދަކަށް މުވައްޒަފުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ.

އެޗްޕީއޭއިން ރޭ އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިވަގުތު ރިސޯޓުތަކުގައި 342 އެކްޓިވް ކޯވިޑް ކޭސް އެބަހުއްޓެވެ. އަދި ސަފާރީތަކުގައި ނުވަ ކޭސް އެބަ ހުއްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް