ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މާދަމާ ފަށަން ނިންމައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޭނާ އާއި ދެކޮޅަށް ހަތް ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލާފައިވެ އެވެ. މި ދައުވާތަކުގެ ޝަރީއަތް ފެށުމަށް ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރު 1:30 ގައި އެވެ
އަލީ ވަހީދާއި ދެކޮޅަށް އުފުލާފައިވާ ދައުވަތަކުގެ ތެރޭގައި ޖިންސީ އަނިޔާ ކުރުން، ރޭޕް ކުރަން އުޅުން، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުން ހިމެނެ އެވެ. އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އުޅުނު ކަމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުން އަދި ޖިންސީ ގޯނާ ކުރަން އުޅުން ހިމެނެ އެވެ.
އަލީ ވަހީދާއި ދެކޮޅަށް މި ދައުވާތައް އުފުލީ ޓުރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނެ އެ މުވައްޒަފުން ހުށެޅި މައްސަލަތަކެއް ތަހުގީގު ކުރުމަށް ފަހު އެވެ. އެކަމަކު މި ތުހުމަތުތަކަށް އަލީ ވަހީދު ގެންދަވަނީ ފެށުނީންސުރެ އިންކާރު ކުރައްވަމުންނެވެ.
މިމައްސަލައިގަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުން ވަކި ކުރީ އަމިއްލައަށް އިސްތިއުފާ ދެއްވުމަށް ދިން ފުރުސަތުގައި އެގޮތަށް އަމަލު ނުކުރެއްވުމުންނެވެ. އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުން ވަކި ކުރީ މިދިޔަ އަހަރުގެ ޖުލައި ނުވަ ވަނަ ދުވަހުއ ެވެ.
އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަލީ ވަހީދަށް އަންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް