ކ. ހިންމަފުށީ ކައިރީގައި އޮންނަ ފިނޮޮޅަކަށް ގެއްލުން ދިން މައްސަލަ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ފުލުހުން ބަލަން ފަށައިފި އެވެ.
ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅެއްގައި ކޯރު ކަނޑައިގެން އެތަނަށް ގެއްލުން ދިނީ އެރަށާ ކައިރީގައި އޮންނަ ގިލިލަންކަންފުށި ރިސޯޓުގެ ބައެއް މުވައްޒަފުންނާއި އިސްވެރިންތަކެއް ތިބެގެން ކަމަށް މައުލޫމާތު ލިބެ އެވެ. އެކަން ހުއްޓުވީ ހިންމަފުށީގެ ބައެއް ރައްޔިތުން އެ ފިނޮޅަށް ގޮހެވެ.
ސޯޝަލް މީޑިއާގައި މީހުން ހިއްސާ ކޮށްފައިވާ މައުލޫމާތު ތަކުގައި ބުނެފައިވަނީ އެ ރިސޯޓުގެ ވެރިން ފިނޮޅަށް ގެއްލުން ދިނީ ހިންމަފުށީ މީހުން އެ ފިނޮޅަށް ދަތުރު ދާތީ އުނދަގޫވާކަމަށް ބުނެ އެވެ.
މި މައްސަލައިގަ އީޕީއޭއިން ބުނީ ފިނޮޅުގައި ކޯރު ގެއްލުން ދިން މައްސަލަ އެތަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލުހުންނާއި ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށް އީޕީއޭއިން ބުނެ އެވެ.
https://twitter.com/EPAMaldives/status/1352579152616910849
ހިންމަފުށީ ކައިރީ އޮތް ފިނޮޅަކަށް ގެއްލުން ދިން މައްސަލަ އީޕީއޭއިން ބަލަން ފަށާފައި ވާއިރު މިދިޔަ ބުރާސްފަތި ދުވަހު އީޕީއޭއިން ވަނީ ކ. މާފުށީ ފަޅު ތެރެއަށް ކުނި އަޅާ މައްސަލައިގަ އެ ރަށު ކައުންސިލަށް އިންޒާރު ދީފައި އެވެ.
އީޕީއޭއިން މާފުށީ ކައުންސިލަށް ފޮނުވި ސިޓީގައި ވަނީ ފަޅާއި މޫދަށް ކުނި އެޅުން ވަގުތުން ހުއްޓުވުމަށް އަންގާފައި އެވެ. އަދި އެ މައްސަލަ ބަލަން އީޕީއޭގެ ޓީމެއް އެ ރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެ އެވެ.
އަދި މިމަހުގެ 12 ވަނަ ދުވަހު އީޕީއޭއިން ވެމްކޯ 1.1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައި އެވެ. އެ ކުންފުނި ޖޫރިމަނާ ކުރީ ތިލަފުށީ ފަޅަށް އެ ކުންފުނީގެ ބާޖުތަކުން ކުނި ނޭޅުމާއި އެކަން އިސްލާހު ކުރުމަށް ތަކުރާރުކޮށް އެންގުމުން އެކަން އިސްލާހު ނުކުރުމުންނެވެ.
މީގެ އިތުރުން ތިމާވެއްޓަށް ގެއްލުން ދިން މައްސަލަތަކެއްގައި އީޕިއޭއިން ވަނީ މިދިޔަ އަހަރު ފަހުކޮޅު ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުންޏާއި ފެނަކަ ކޯޕަރެޝަން އަދި ނ. މަނަދޫ ކައުންސިލް ޖޫރިމަނާ ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް