މަސައްކަތުގައި ގިނަވަގުތު ހޭދަކުރާނަމަ ސްޓްރޯކާއި ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު: ދިރާސާ

ގިނަ މީހުންނަކީ ދިރިއުޅުމުގައި ތަފާތު އެކި މަސައްކަތް ކުރާ ބައެކެވެ. ބައެއް މީހުން ބުރަކޮށް މަސައްކަތް ކުރަން ޖެހޭއިރު، އަނެއް ބަޔަކު ކުރަނީ ލުއި މަސައްތަކެވެ. ބުރަކޮށް މަސައްކަތް ކުރާ މީހުން ދުވާލާއި...

23 Jan 2021 | 04:20

ގިނަ މީހުންނަކީ ދިރިއުޅުމުގައި ތަފާތު އެކި މަސައްކަތް ކުރާ ބައެކެވެ. ބައެއް މީހުން ބުރަކޮށް މަސައްކަތް ކުރަން ޖެހޭއިރު، އަނެއް ބަޔަކު ކުރަނީ ލުއި މަސައްތަކެވެ. ބުރަކޮށް މަސައްކަތް ކުރާ މީހުން ދުވާލާއި ރޭގަނޑުގައި މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެއެވެ. މިފަދަ މީހުން ވިސްނާލަން ޖެހޭ ކަމެއް އެބައޮތެވެ.

ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ބުރަކޮށް ގިނަ ވަގުތު މަސައްކަތުގައި އުޅޭ މީހުންނަށް އޭގެ ސަބަބުން ސްޓްރޯކާއި ހިތުގެ ތަފާތު މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެ އެވެ.

އިނގިރޭސި ވިލާތުގެ މެޑިކަލް ޖާނަލްއެއް ހެދި މި ދިރާސާގައި ބުނެފައި ވަނީ މަސައްކަތުގައި ހަފުތާއަކު 55 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަކުރާ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު، މިހެން ނޫޅޭ މީހުންނާ އަޅާބަލާއިރު 33 ޕަސެންޓަށް ބޮޑު ކަމަށެވެ. އަދި ހިތުގެ ބަލިތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ވެސް 13 ޕަސެންޓު ބޮޑު ކަމަށެވެ.

ދިރާސާ ކުރިއަށް ގެންދިޔަ ތަޖުރިބާކާރުންގެ ޓީމުން ވަނީ މިގޮތަށް ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރާ ފަރާތްތަކުން އެ ފަރާތްތަކުގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދީގެން އުޅުމަށް ނަސޭހަތްތެރިވެފަ އެވެ. މިއީ މަސައްކަތުގެ މާހައުލާއި މަސައްކަތުގައި ހޭދަކުރާ ވަގުތާއި އޭގެ އަސަރު ސިއްހަތަށް ކުރާ ގޮތް ދެނެގަތުމަށް މި ފެންވަރުގައި ކުރިއަށް ގެންދިޔަ މިފަދަ އެންމެ ބޮޑު ދިރާސާ އެވެ.

މަސައްކަތުގެ މާހައުލުގައި ގިނަ ވަގުތު ހޭދަކުރުމަކީ ހިތް ހުއްޓުން ފަދަ ހިތުގެ މައްސަލަތަކުގެ ރިސްކުބޮޑުކޮށްދޭ ކަމެއް ކަމަށް މީގެ ކުރިން ހިންގާފައިވާ މިފަދަ ދިރާސާތަކުން ވެސް އެނގިފައިވެ އެވެ.

ހާޓް އެޓޭކް ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބަކަށް ވެފައި ވަނީ ކޮރޯނަރީ ހާޓް ޑިޒީސް އެވެ. މިއީ ހިތުގެ މައި ނާރުތަކުގައި ސަރުބީ ޖަހައި ލޭގެ ދައުރުވުމަށް ހުރަސް އެޅުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކެވެ.

މީގެ އިތުރުން ބްލަޑް ޕްރެޝާ މަތިވުމާއި ބޭޑް ކޮލެސްޓްރޯލް މަތިވުން އަދި ފަލަވުމަކީ ވެސް ހާޓް އެކޭޓް ޖެހުމަށް މަގުފަހިވެދާނެ ސިއްހީ ބޮޑެތި ނުރައްކާތަކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމާއި ހަކުރު ބަލީގެ މައްސަލަތަކަކީ ވެސް ހިތް ހުއްޓުމަށް މެދުވެރިވާ ފަދަ ހާލަތަކަށް ހަށިގަނޑުގެ ސިއްހަތު ބަދަލުކޮށްލަފާނެ ދެ ކަމެކެވެ.

ބްލަޑް ޕްރެޝާ މަތިވުމުގެ މައްސަލަ އާންމުކޮށް ހުންނަ މީހެއް އަދި ދިގު މުއްދަތަކަށް ހަކުރު ބަލީގެ މައްސަލަ ހުންނަ މީހުންނަށް ވެސް ސްޓްރޯކްގެ ބިރު ބޮޑެވެ. ހައި ބްލަޑް ޕްރެޝާ އާއި ހަކުރުބަލީގެ ސަބަބުން ސިކުނޑީގެ އާދައިގެ ލޭ ނާރުތައް ހަލާކުވުމުގެ ފުރުސަތު އޮވެ އެވެ. މިގޮތަށް ހަލާކުވާ ލޭ ނާރެއްގައި ލޭ ގަނޑުވުމުގެ ސަބަބުން ސްޓްރޯކްގެ ނުރައްކާ އިތުރަށް ބޮޑުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް