އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ރަސްމީދަތުރުފުޅުގެ ހަރަދަށް ދައުލަތުގެ ބަޖެޓުން4.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ.
މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އަދަދެއް ނޭނގެ އެވެ. އެކަމަކު ދަތުރުފުޅަށް ފަހު ފައިސާ ހަރަދުވި ވަރެއް ހާމައެއް ނުކުރެ އެވެ.
އެ ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލް ހާމަކުރަން ސަރުކާރަށް ޖެހުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ތަފްސީލު ހޯދަން އާންމު ފަރާތަކުން އެދުމުން އެކަމާ ދެކޮޅު ހެދި މައްސަލަ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ އަށް ހުށަހެޅުމުންނެވެ.
އެ ތަފްސީލްތަކުގައި ވާގޮތުން ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޓިކެޓަށް އެކަނި ވެސް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރި އެވެ. އެމެރިކާގައި ތިއްބެވުމާއި ފަރިއްކޮޅުގެ ހަރަދަށް 1.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި ޕޮކެޓް މަނީގެ ގޮތުގައި 141،000 އަށް ވުރެ ގިނަ ރުފިޔާ އާއި އިންސިޑެންޓަލް ހަރަދަށް ވެސް 98،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ. ފޮށިތައް ބަރުވެގެން އެއާލައިނަށް ވެސް 6،100 އަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހުނު ކަމަށް އެ ތަފްސީލު ތަކުގައިވެ އެވެ.
މީގެ އިތުރުން އެ ދަތުރުގައި ބައިވެރިވި ސްކޫލް ދަރިވަރަކަށް ވިސާ ހޯދުމަށް ސްރީ ލަންކާ އަށް ދަތުރުކުރަން 12،000 އަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި އެވެ.
އެ ދަތުރުފުޅަށް ހަ މިލިއަން ރުފިޔާ ހަރަދުވި ކަމަށާއި ދަތުރުގައި30 ބޭފުޅުން ބައިވެރިވި ކަމަށްބުނެ އިދިކޮޅުން ފާޑުކިޔުމުން އޭރު ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެފައިވަނީ އެ އަދަދު 15 އަށް ވެސް ނާރާނެ ކަމަށް ދަތުރަށް ހޭދަވިކަމަށް ބުނާ އަދަދުވެސް ނުބައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް