ރައޫފް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށް ޖޭއެސްސީން ލަފާދީފި

ހައި ކޯޓުގެ ފަނޑިޔާރު އަބްދުއް ރައޫފް އިބްރާހިމް ސުޕްރީމް ކޯޓުގެ ފަނޑީޔާރު ކަމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. ފަނޑިޔާރު ރައޫފް އެމަގާމަށް ...

23 Jan 2020 | 09:16

ހައި ކޯޓުގެ ފަނޑިޔާރު އަބްދުއް ރައޫފް އިބްރާހިމް ސުޕްރީމް ކޯޓުގެ ފަނޑީޔާރު ކަމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ފަނޑިޔާރު ރައޫފް އެމަގާމަށް އައްޔަން ކުރުމަށް ރަނގަޅުތޯ ބެލުމަށް އެދި ޖޭއެސްސީއަށް ހުށަހެޅުއްވީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޖޭއެސްސީން އިއްޔެ ނިންމާފައިވާ ކަންކަމާ ބެހޭ ގޮތުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ރައޫފް ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ރައީސް ހުށަހެޅުއްވި ފަހުން ރައޫފާ ބެހޭ ގޮތުން ތިން ފަރާތަކުން ޖޭއެސްސީ އަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. ޝަކުވާތަކަށް ބެލުމަށް ފަހު ރައޫފް ސުޕްރީމް ކޯޓަށް އައްޔަންކުރުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ޖޭއެސްސީ އަށް ގަބޫލު ނުކުރެވޭ ކަމަށް ޖޭއެސްސީން ބުންޏެވެ.

ރައޫފާއި އެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ފެނޭތޯ ބެލުމަށް ފޮނުއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއް ސުއޫދުގެ ނަންފުޅެވެ. އެ ދެބޭފުޅުން މިހާރު މަގާމުތަކަށް އައްއަން ކޮށްފައިވާއިރު ރައޫފްގެ ނަމާމެދު ގޮތެއް ނުނިންމާ އޮތީ ހުށަހެޅިފައި ހުރި ޝަކުވާތަކާއި ގުޅިގެން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރެއްގެ ގޮތުގައި އެންމެ ފަހުން ހުންނެވީ ފަނޑިޔާރު ރައޫފެވެ. ސުޕްރީމް ކޯޓަށް އައްޔަންކުރަން އޭނާގެ ނަން ފޮނުވުމުން އެ މަގާމުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ސުޕްރީމް ކޯޓުގެ މުޅި ބެންޗު މިހާރު ބަދަލުކޮށްފައިވާއިރު ޖުމްލަ ހަތް ފަނޑިޔާރުން އެ ކޯޓުގައި ތިއްބަވަން ޖެހެ އެވެ. އެކަމަކު އަދި އެއް ފަނޑިޔާރަކު މަދެވެ.

މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް