ހަސީނާއަށް މަރުހަބާ ކިޔަން މިނިސްޓަރަކު ވަޑައިނުގަތުމުން އިދިކޮޅުން ފާޑުކިޔައިފި

ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިހް ހަސީނާއަށް މަރުހަބާ ކިޔަން މިނިސްޓަރަކު ވަޑައިނުގެންނެވުމުން އިދިކޮޅު ކޯލިޝަނުން ފާޑުކިޔައިފި އެވެ. ހަސީނާ ރާއްޖެ...

22 Dec 2021 | 13:58

ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިހް ހަސީނާއަށް މަރުހަބާ ކިޔަން މިނިސްޓަރަކު ވަޑައިނުގެންނެވުމުން އިދިކޮޅު ކޯލިޝަނުން ފާޑުކިޔައިފި އެވެ.

ހަސީނާ ރާއްޖެ ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށެވެ. އެކަމަނާއަށް ވެލާނާ އިންޓަނޭޝަން އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީމެވެ.

ހަސީނާ ރާއްޖެ ވަޑައިގެންނެވުމުން ޕީޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ އެކަމަނާ ރާއްޖެ ވަޑައިގެންނެވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމުގެ ވަރުގަދަކަން ރަމްޒު ކޮށްދޭ ކަމެއް ކަމަށެވެ. އާދަމް ޝަރީފު ވަނީ ހަސީނާ ރާއްޖެ ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވެފައި އެވެ.

އަދި ވިދާޅުވެފައިވަނީ ސަރުކާރުގެ ގަވައިދުތައް ހަމަޖެހިފައި އޮންނަ ގޮތުން އެކަމަނާއަށް މަރުހަބާ ކިޔަން ވަޑައިގެންނަވަން ޖެހޭނީ ކެބިނެޓް މިނިސްޓަރެއް ކަމަށެވެ.

އާންމުގޮތެއްގައި އެ ފަންތީގެ ބޭފުޅަކު ރާއްޖެ ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވަނީ ފޮރިން މިނިސްޓަރު ނުވަތަ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އެވެ.

އާދަމް މިހެން ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އޭނާގެ ހުރިހާ ޒިންމާއެެއް ސްޓޭޓް މިނިސްޓަރު ހަލީމް އަދާ ކުރައްވާތީ އެކަމަށް އަމާޒު ކޮށެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ޝާހިދުގެ ބަދަލު ފޮރިން މިނިސްޓްރީގެ ކަންކަން ނިންމަވައި ދުވަހުން ދުވަހަށް ނިންމަން ޖެހޭ ކަންކަން ނިންމަވާނީ ހަލީމެވެ.

ޝެއިހް ހަސީނާގެ މި ދަތުރުފުޅުގެ ރަސްމީ ބައްދަލުވުންތައް އޮންނާނީ މާދަމާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. މިއަދު އެކަމަނާ ރާއްޖެ ވަޑައިގެންނެވުމަށް ފަހު މާލެ ވަޑައިނުގަތް ދިޔައީ އެކަމަނާ ހުންނަވާ ރިސޯޓަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް