އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާގެ ކޯސްތަކަށް ހާއްސަކޮށްގެން ރ. އަލިފުށީގައި ހަދަން ނިންމާފައިވާ ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިން (ޓިވެޓް) ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އެކޮމަޑޭޝަން ބްލޮކަކާ އެކު އަލިފުށީގައި އަޅާ މި ޓިވެޓް ސެންޓަރު އިމާރާތްކުރަން ޓެންޑަރިން އަށް ބޭނުންވާނެ ޑިޒައިންތަކާއި ތަފްސީލީ ކުރެހުންތައް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަސައްކަތުގެ ޓެންޑަރުގެ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު 11 ގައި، ފިނޭންސް މިނިސްޓްރީގައި ކަމުގައި އެ މިނިސްޓްރީން ހާމަކުރެއެވެ.
ހަޔާ އެޑިޢުކޭޝަނުން ހާމަކުރާ ގޮތުގައި އަލިފުށީގައި ޤާއިމް ކުރާ ޓިވެޓް ސެންޓަރު އިމާރާތް ކުރަނީ 38,328 އަކަފޫޓްގެ ޖާގައިގެ ބިމެއްގަ އެވެ. ދެ ބުރި އަށް ހަދާ، މި އިމާރާތް ނިމޭއިރު ކިޔަވައިދިނުމަށް ބޭނުންކުރާނެ ބްލޮކްތަކާއި އެކްޓިވިޓީ އޭރިއާއެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ވެސް ހުންނާނެ ކަމުގައި އެ މިނިސްޓްރީން ބުނެއެވެ.
އެގޮތުން މި އިމާރާތުގައި 6 ކްލާސް ރޫމް ހިމެނޭހެން، ކާޕެންޓްރީ ވޯކް ޝޮޕަކާއި، ވޯކިން ވޯކް ޝޮޕަކާއި، މަލްޓި ޕާޕަސް ވޯކް ޝޮޕަކާއި، އަދި އައިސީޓީ ލެބެއް ހިމެނެއެވެ.
މީގެ އިތުރުން، އިދާރީ ހިދުމަތް ދިނުމަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާއެއްގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިން ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީއެއް ވެސް އެ އިމާރާތުގައި ހުންނާނެ އެވެ.
މި ސެންޓަރުގައި 58 ދަރިވަރުންގެ ޖާގައިގެ އެކޮމޮޑޭޝަން ބްލޮކަކާއި ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަމަށް ބަދިގެއަކާއި ކެންޓީނެއްގެ އިތުރުން ލޯންޑްރީ އާއި ކޮމަން ރޫމްސް އަދި ސްޓަޑީ ރޫމްތައް ވެސް ހުންނާނެ އެވެ. އަދި ދަރިވަރުންނަށް ބޭނުންކުރެވޭނެ އެކްޓިވިޓީ ސެންޓަރަކާ އެކު ޖިމަކާއި ނަމާދުކުރާނެ ތަނަކާއި ފާހާނާ އާއި ލިފްޓު ވެސް ބަހައްޓަ އެވެ.
މި ސެންޓަރ އޮޑިދޯނިިފަހަރު ބަނުމުގެ ދާއިރާ އަށް ހާއްސަ ކުރި ނަމަަވެސް، ތަފާތު އެހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް އެ ސެންޓަރުގައި ކުރިއަށް ގެންދާނެ ކަމުގައި ހަޔާ އެޑިއުކޭޝަނުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް