100 ކިލޯ ޑްރަގް މައްސަލައިގަ ހިމެނޭ ދެ ބިދޭސީންގެ ބަންދަށް އިތުރު 30 ދުވަސް

100 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގަ ހިމެނޭ ދެ ބިދޭސީންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ. މި މަސްތުވާތަކެއްޗަކީ ސަފާރީއެއްގައި ރާއްޖެ އެތެރެކޮށް، އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ފަޅ...

22 Dec 2021 | 07:09

100 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގަ ހިމެނޭ ދެ ބިދޭސީންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

މި މަސްތުވާތަކެއްޗަކީ ސަފާރީއެއްގައި ރާއްޖެ އެތެރެކޮށް، އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ ފެނުނު ތަކެއްޗެކެވެ. މި ތަކެތި ހޯދީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިދިޔަ އޮކްޓޯބަރު މަހުގެ13 ވަނަ ދުވަހު އެވެ.

މި މައްސަލައިގަ ހައްޔަރުކޮށްފައިވާ ބިދޭސީންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ އެމްޑީ ރަފީގުލް އިސްލާމް އަދި 24 އަހަރުގެ ޑީއެމް މޮބިން އެވެ. އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު ކޮށްދީފައިވަނީ30 ދުވަހެވެ.

ބިދޭސީ ދެ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކުރި ނިންމުމުގައި ބުނެފައިވަނީ، އެ ދެ މީހުން އެކަން ކުރުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ވަރަށް އެކަށީގެންވާ ހެކި އެބަހުރި ކަމަށެވެ. މީގެ ތެރެއިން ރަފީގުލް އިސްލާމަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ މީހެކެވެ.

މި މައްސަލައިގަ އޮކްޓޯބަރު މަހު މި ދެ ބިދޭސީންނާއި އެކު10 މީހުން ހައްޔަރު ކުރި އެވެ. އެކަމަކު ކޯޓުން ބަންދުގެ މުއްދަތު އިތުރު ނުކޮށްދިނުމުގެ ސަބަބުން ހުރިހާ ދިވެހިން ވަނީ ދޫކޮށްލާފަ އެވެ.

އެކަމަކު މި މައްސަލައިގަ ހިމެނޭ ހުރިހާ އެންމެންގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ. މި މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ، ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އާއި ޑައިމޯފިން ބޭނުން ކުރުމުގެ ދައުވާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް