އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކުގައި "އިންޑިޔާ އައުޓް" ގޮވާ ނަމަ އެ މީހަކަށް ހަމަލާ ދޭން ޖެހޭ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވި މައްސަލަ ފުލުހުން ބެލުން ލާޒިމް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން، އެ ޕާޓީގެ މާލޭގެ މީހުންނަށް ބޭއްވި ބައްދަލުވުމެއްގައި ފަލާހު ވިދާޅުވީ، "އިންޑިޔާ އައުޓް" ނުކިޔޭނެ ކަމަށާއި އެއީ ރާއްޖެ އަށް ގެއްލުމެއް ލިބޭ ކޮންމެ ފަހަރަކު އެހީތެރިވާ ގައުމެއް ކަމަށެވެ. ފަލާހު ވިދާޅުވީ އިންޑިއާ އައުޓް ގޮވަންޏާ އެންމެން ވެގެން އެހެން ކިޔާ މީހެއްގެ ކަންފަތް މަތީގައި ޖަހައިގެން ހުއްޓުވަން ޖެހޭ ކަމަށެވެ.
މި ވާހަކައަށް ރައްދުދެއްވައި ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖާހިލިއްޔަ ޒަމާނުގައި މުޝްރިކުން ހައްގާއި ކުރިމަތިލާން ނުކުޅެދުނީމާ އަނިޔާކުރަން ގޮވާލައި ރޭވި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ނަފްރަތު އުފެއްދުމުގެ ނަތީޖާއަކީ ނަފްސަށް ގެއްލުން ދިނުން ފަދަ ޖަރީމާ މާޒީގައި ހިންގުން ކަމަށެވެ.
ފަލާޙުގެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ޑރ. ޖަމީލް ވިދާޅުވީ އެމްޑީޕީގެ މެމްބަރުން މާރާމާރީ ހިންގަން ގޮވާލި މައްސަލަ ތަހުގީގު ކުރުން ފުލުހުންނަށް ލާޒިމް ކަމަށެވެ.
"އިންޑިއާ އައުޓް" ކެމްޕެއިން މިހާރު ފުޅާވަމުން ދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާއި އެކުއެވެ. އެމަނިކުފާނު އިންޑިއާ އައުޓް ކެމްޕެއިންގައި އިސްކޮށް އުޅުއްވާތީ އިއްޔެގެ ވާހަކައިގަ ފަލާހު ވިދާޅުވީ، "އިންޑިޔާ އައުޓް" މޭމަތީގައި ޖައްސަވައިގެން އުޅުއްވަނީ ތަހުޒީބު ބޭފުޅެއް ނޫން ކަމަށާއި އެއީ އެ ބަސް ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.
އިދިކޮޅުން ވަނީ އިންޑިއާ އައުޓް ކެމްޕެއިން އަތޮޅުތެރެއަށްވެސް ފުޅާކޮށްފަ އެވެ. މިދިޔަ ހަފްތާގައި ކ. ތުލުސްދޫ އާއި ގުރައިދޫއަށް ރައީސް ޔާމީން ދަތުރުކޮށް އެ ކެމްޕެއިން ކޮށްފައިވާއިރު މި ހަފްތާ ބަންދާ ދިމާކޮށް ޔާމީން ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ފ. ނިލަންދޫ އަށެވެ.
އިދިކޮޅުގެ މި ކެމްޕެއިނަކީ ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާގެ 75 ސިފައިން ގައުމުން ބޭލުމަށް ގޮވާލާ ކުރާ ކެމްޕެއިނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް