އިސްރާއީލްގައި ކޯވިޑް-19 ވެކްސިންގެ ހަތަރު ވަނަ ޑޯޒު ދޭންފަށައިފި އެވެ.
މިގޮތަށް ނިންމީ އެ ގައުމުގެ ހެލްތް މިނިސްޓްރީގެ އެކްސްޕާޓު ޕެނަލުން ސަރުކާރަށް އެގޮތަށް ލަފާ ދިނުމުންނެވެ. މި ލަފާއަށް މަރުހަބާކިޔައި އިޒްރާއީލްގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓް ވިދާޅުވީ ހަތަރު ވަނަ ޑޯޒެއް ޖެހުމުން މިހާރު ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ އޮމިކްރޯން ވޭރިއަންޓު އެ ގައުމުގައި ފެތުރުން ކޮންޓްރޯލް ވާނެ ކަމަށެވެ.
ބެނެޓް ވިދާޅުވީ އިސްރާއީލަކީ އެންމެ ފުރަތަމަ ކޯވިޑް ވެކްސިންގެ ތިން ވަނަ ޑޯޒު ދޭން ފެށި ގައުމު ކަމަށާއި ހަތަރު ވަނަ ޑޯޒު ދޭން ފަށައި އިތުރު ކާމިޔާބެއް ބައްޔާ ދެކޮޅަށް ހޯދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ބޮޑުވަޒީރު ވަނީ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އެންމެން ހަތަރު ވަނަ ޑޯޒު ޖެހުމަށް އިލްތިމާސް ކުރައްވާފަ އެވެ.
އިސްރާއީލް ހެލްތް މިނިސްޓްރީން ނިންމާފައިވަނީ ކޯވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒު އެންމެ ފުރަތަމަ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށާއި އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ދޭށެވެ. މި ކެޓަގަރީއަށް ފެތޭ މީހުންނަށް ވެކްސިން ދެނީ ވެކްސިންގެ ތިން ވަނަ ޑޯޒު ޖެހިތާ ހަތަރު މަސް ވުމުންނެވެ.
އިސްރާއީލުން އިއްޔެ ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 340 މީހުން ވަނީ އޮމިކްރޯން ވޭރިއަންޓަށް ޕޮސިޓިވް ވެފައި އެވެ.
ވޭރިއަންޓު ގައުމަށް ވަނުން ކޮންޓްރޯލް ކުރުމަށް އެންމެ ފުރަތަމަ ފިޔަވަޅު އެޅި ގައުމުތަކުގެ ތެރޭގައި އިސްރާއީލް ހިމެނެ އެވެ. މިހާރުވެސް އެ ގައުމުން ވަނީ އެމެރިކާ، އިޓަލީ، ތުރުކީ، ޖަރުމަނުވިލާތް އަދި ކެނެޑާއިން އެ ގައުމަށް މީހުން އެތެރެވުން މަނާކޮށްފައިވާ މުއްދަތު އިތުރުކޮށްފަ އެވެ.
ޑަބްލިއުއެޗްއޯއިން ވަނީ އޮމިކްރޯންގެ ނުރައްކާތެރިކަން ކުޑަ ނަމަވެސް އެ ވޭރިއަންޓު ފެތުރޭލެއެއް މާ އަވަސް ކަމަށް ބުނެފަ އެވެ. އޭގެ ސަބަބުން ސިއްހީ ހިދުމަތްދޭ ތަންތަނަށް ބާރު ބޮޑުވެ ހިދުމަތް ބޮއްސުންލުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް