އަރަބިއްޔާގެ ވަގުތީ ސްކޫލަކަށް ކުރީގެ ފޮރިން މިނިސްޓްރީ ހަމަޖައްސައިފި

އަރަބިއްޔާ ސްކޫލް ވަގުތީ ގޮތުން ހިންގަން ކުރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތް ހަމަޖައްސައިފި އެވެ. ހުޅުމާލޭ ފެރީ ޓާމިނަލް ކައިރި ހުންނަ އެ އިމާރާތަކީ މިހާރުގެ ފޮރިން މިނިސްޓްރީ މަރާމާތު ކުރަން ވެގ...

22 Dec 2021 | 04:42

އަރަބިއްޔާ ސްކޫލް ވަގުތީ ގޮތުން ހިންގަން ކުރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތް ހަމަޖައްސައިފި އެވެ.

ހުޅުމާލޭ ފެރީ ޓާމިނަލް ކައިރި ހުންނަ އެ އިމާރާތަކީ މިހާރުގެ ފޮރިން މިނިސްޓްރީ މަރާމާތު ކުރަން ވެގެން އެ މިނިސްޓްރީ ހިންގިތަނެވެ. އޭގެ ކުރިން އެ އިމާރާތުގައި ހިންގީ އެމްޓީސީސީ ސޯމިލް އެވެ.

އެ އިމާރާތުގައި އަރަބިއްޔާ ސްކޫލް ވަގުތީ ގޮތުން ހިންގަން ނިންމާފައިވާކަން ރައީސް އޮފީހުން އަރަބިއްޔާ ސްކޫލަށް އަންގާފައިވާ ކަމަށް އެ ސްކޫލް ޕީޓީއޭގެ ބައެއް މެމްބަރުން ވަނީ މީޑިއާގައި ކަށަވަރު ކޮށްދެއްވާފަ އެވެ. އެ މެމްބަރުން ވިދާޅުވީ މިހާރު އެތަން މަރާމާތު ކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

އަރަބިއްޔާ ސްކޫލް އިމާރާތުގެ ތަނބުތަކުގައި ރެނދުލައިފަވާތީ އެތަނުގައި ދަރިވަރުންނަށް ކިޔަވައިދިނުން އެކަށީގެން ނުވާކަމަށް ދާދި ފަހުން ހެދި އެސެސްމެންޓު ރިޕޯޓުގައި ވަނީ ހާމަކޮށްފަ އެވެ. އެހެންވެ އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ވަގުތީ ގޮތުން އަރަބިއްޔާގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރާށެވެ.

ފޮރިން މިނިސްޓްރީ އިމާރާތަށް އަރަބިއްޔާ ބަދަލު ކުރަނީ އެޑިއުކޭޝަންގެ އެ ނިންމުމާއި މެދު ހިތް ހަމަ ނުޖެހިގެން އަރަބިއްޔާގެ ބެލެނިވެރިން އިހުތިޖާޖުކޮށް، ރައީސް، ނައިބު ރައީސް އަދި އެޑިއުކޭޝަން މިނިސްޓަރާއި ވެސް ބައްދަލުކޮށް ޝަކުވާ ހުށަހެޅުމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އަރަބިއްޔާ ޕީޓީއޭއިން ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އިއްޒުއްދީންގައި ދެ ސްކޫލްގެ މެނޭޖްމެންޓު ވަކިން ހިންގުމަކީ އުނދަގޫ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައި ކަމަށެވެ. އަދި އެހެން ވަގުތީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ދާއިމީ ހައްލުގެ ގޮތުގައި އަރަބިއްޔާ ސްކޫލް ބާ ޖަމާލުއްދީނު ސްކޫލް ބިމުގެ ބައެއްގައި އަޅަން ނިންމާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް