އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ އަގު ވަޒަން ކޮށް "ސްޓާފް އެވޯޑް" ނައިޓުގައި 87 މުވައްޒަފަކަށް އެވޯޑް ދީފި އެވެ.
މީރުމާގައި ރޭ ބޭއްވި ހަފްލާގައި މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ އެ ހަފްލާ ޝަރަފުވެރި ކޮށްދެއްވި މެހުމާން އެމް.ޑަބްލިޔު.އެސް.ސީގެ ޗެއާމަން އަލްފާޟިލް އަޙްމަދު މައުސޫމް އާއި، އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި، މެނޭޖިން ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހުގެ އިތުރުން، ސީނިއާ މެނޭޖުމަންޓް ޓީމުގެ މެންބަރުންނެވެ.
އެގޮތުން، 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ތަފާތު 9 ކެޓަގަރީއަކުން 87 މުވައްޒަފުކު ވަނީ އެވޯޑް ޙާސިލްކޮށްފައެވެ.
އެވޯޑް ދިން ކެޓަގަރީތަކުގެ ތެރޭގައި އެމްޑަބްލިއުއެސްސީއަށް 10 އަހަރު އަދި 20 އަހަރު ހިދުމަތްކުރި މުވައްޒަފުންނަށާއި އެންމެ އުއްމީދީ މުވައްޒަފުންގެ ކެޓަގަރީ ހިމެނެ އެވެ. އަދި އެންމެ ރަނގަޅު ބިދޭސީ މުވައްޒަފު ހޮވައި އެވޯޑް ދިން އިރު އެންމެ ތަފާތު ނުވަތަ "ޔުނީކް" ހިދުމަތްތެރިޔާގެ އެވޯޑް ހާއްސަ އެހީއަށް ބޭނުންވާ މުވައްޒަފަކަށް ދިނެވެ. މީގެ އިތުރުން އެންމެ ހީވާގި އަދި އެންމެ މަސައްކަތްތެރި މުވައްޒަފުންގެ ކެޓަގަރީން ވެސް އެވޯޑް ދިނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.ޑީ ހަސަން ޝާހު ވިދާޅުވީ މި އެވޯޑް ހަފްލާގެ މައިގަނޑު މަޤްޞަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރު ފާހަގަކުރުމާއި އެކު، މުވައްޒަފުން ކުންފުންޏަށް ކޮށްދެއްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެގޮތުގައި ކުރިއަށް ދިއުމުގެ ރޫޙު އާލާކޮށް އެކަމަށް ހިތްވަރު ދިނުމެވެ. ޝާހުގެ ވާހަކަފުޅުގައި ކުންފުނީގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމުގައި ފާހަގަކޮށް ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި، ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ ދެއަހަރުގައި ކޮށްފައިވާކަން ވަނީ ހާމަކޮށްފަ އެވެ.
މިގޮތުން އެކި ދާއިރާތަކުން މުވައްޒަފުން ބިނާކުރުމަށްޓަކައި ކުރުމުއްދަތުގެ ތަމްރީން ޕްރޮގްރާމްތަކާއި އަދި ދިގުމުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކުގެ ފުރުސަތުތައް ފަހިކޮށްދީ، މުވައްޒަފުންގެ ދުޅަހެޔުކަމާއި، ސިއްޙަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަަަމަށް ޝާހު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑަބްލިއުއެސްސީގެ ޓީމުން ކޮވިޑް-19 ގެ އެންމެ ނުރައްކާތެރި ވަގުތުގައި ވެސް މެދުކެނޑުމެއް ނެތި އަސާސީ ހިދުމަތްތައް ފޯރުކޮށްދީފައިވާ ކަމުގަައި ޝާހު ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީއަކީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދޭ ޔުޓިލިޓީ ކުންފުންޏެވެ. ރާއްޖޭގެ ނިސްބަތުން ފުޅާ ދާއިރާއެއްގައި އިންޖިނިއަރިން، މެނުފެކްޗަރިން އަދި ޓްރޭޑިން ދާއިރާ އިން ވެސް އެ ކުންފުނި ފާހަގަކޮށްލެވެ އެވެ. އަދި އެއީ 100 ޕަސެންޓް ދިވެހި މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާއެކު ހިންގަމުންދާ ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް