ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.
އެ ދާއިރާގެ ބައި-އިލެކްޝަން ބާއްވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދުު އަވަހާރަވުމާއި ގުޅިގެންނެވެ.
އީސީ އިން މިއަދު ގެޒެޓްކުރި އިއުލާނުގައި ވަނީ ފެބުރުވަރީ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓުއާންމުކޮށްފައެވެ.
މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްގެ އިތުރުން ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ކަމަށްވާ ށ.ކޮމަންޑޫ އާއި ފޯކައިދޫ އާއި މަރޮށިގެ ކައުންސިލުގެ އިދާރާއިން އާންމުކޮށް ފެންނަން ހުންނާނެ ކަމުގައި އީސީ އިން ހާމަކުރެއެވެ.
މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ މިއަދުން ފެށިގެން އަންނަ ޖަނަވަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.
އަދި ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އީމެއިލް މެދުވެރިކޮށެވެ. މީގެ އިތުރުން، ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލުގެ އިދާރާތަކުން ލިބޭނެ ކަމަށް އީސީ އިން ހާމަކުރެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓް ނެގުން އޮންނާނީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު ހަތަރުގަޑި ސުން މިނެޓަށެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައެވެ.
މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10 ވާ ބުރާސްފަތި ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް