ތިނަދޫގައި ސަރަހައްދީ ވިޔަފާރި ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ގދ. ތިނަދޫގައި ސަރަހައްދީ ވިޔަފާރި ބަނދަރު ހަދަން އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ. މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. އެމްޕީއެލްގެ ފަރާތު...

22 Dec 2020 | 18:59

ގދ. ތިނަދޫގައި ސަރަހައްދީ ވިޔަފާރި ބަނދަރު ހަދަން އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ޝާހިދު އަލީ އެވެ.

ތިނަދޫ ސަރަހައްދީ ވިޔަފާރި ބަނދަރު ތަރައްގީ ކުރަނީ އެ ރަށުގެ 108،000 އަކަފޫޓުގެ ބިމެއްގައި އެވެ. މި ބިން މިއަދު އެ ރަށު ކައުންސިލުން ވަނީ އެމްޕީއެލްއާއި ހަވާލުކޮށްފައި އެވެ.

މި އެއްބަސްވުމުގެ ދަށުން ވިޔަފާރި ބަނދަރު ހެދުމަށް ބޭނުންވާ 4500 ކިއުބިކް މީޓަރު ސަރަހައްދުގެ ފަޅު ފުން ކޮށް ބިން އެއްވަރުކުރާނެ އެވެ. އަދި އެ ސަރަހައްދުގައި ސެކިޔުރިޓީ ފެންސް ޖަހައި ސްޓޯމް ވޯޓާ ޑްރެއިނޭޖު ގާއިމް ކުރާނެ އެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގައި ގުދަނެއް ހެދުމާއި އެޑްމިނިސްޓްރޭޓިވް އިމާރާތެއް އެޅުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރާނެ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 15 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީގެ އަމާޒަކީ ތިނަދޫ ވިޔަފާރި ބަނދަރުގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމައި އެމްޕީއެލް އާއި ހަވާލު ކުރުމެވެ. އެ ކުންފުނިން ވަނީ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމޭނެ ކަމުގެ ޔަގީންކަން ދީފައި އެވެ.

ތިނަދޫ ރީޖަނަލް ވިޔަފާރި ބަނދަރުވެސް އޮޕަރޭޓްކުރާނީ އެމްޕީއެލްގެ ދަށުން ހިންގާ ހދ. ކުޅުދުއްފުށި ވިޔަފާޜި ބަނދަރާއި އައްޑޫ ސިޓީ ހިތަދޫ ޕޯޓާ އެއްގޮތް މެނޭޖްމެންޓް މެކޭނިޒަމެއްގެ ތެރެއިން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް