އިންޑިއާގެ ޓުޓިކޮރިން އާއި ގދ. ތިނަދުއާއި ދެމެދު މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ކާގޯ ދަތުރުތައް މިއަދު ފަށައިފި އެވެ.
މި ދަތުރުތައް މިއަދު ރަސްމީކޮށް ފެށި އިރު ޓުޓިކޮރިން އިން މުދާ ހިފައިގެން އައި ފުރަތަމަ ބޯޓު މިއަދު ވަނީ ތިނަދޫގައި ބަނދަރު ކޮށްފައި އެވެ މި ދަތުރުގައި 400 ޓަނުގެ މުދާ ގެނެސްފައިވެ އެވެ.
މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އެވެ. މި ރަސްމިއްޔާތުގައި ނަހުލާ ވުދާޅުވީ މިއީ ދެކުނުގެ ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ފެށުން ކަމަށެވެ. އަދި މީގެ ސަބަބުން ހުވަދު އަތޮޅުގެ ވިޔަފާރިވެރިންނަށް ހެޔޮ އަގުގައި މުދާ ލިބި، އަތްފޯރާފަށުގައި ރައްޔިތުންނަށް މުދާ ފޮރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ ކުރިޔަށް އޮތްތާ ބޯޓު ފުރެންދެން މުދާ ގެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަަމަށާއި މި ހިދުމަތުގެ ސަބަބުން ދެކުނުގެ ވިޔަފާރިވެރިންނަށް މުދާ ގެނައުމުގައި ލުއި ވާނެ ކަމަށެވެ. ސައީދު ވިދާޅުވިގޮތުގައި ހުވަދު އަތޮޅަށް ފެށި ކާގޯ ހިދުމަތާ އެކު އެ ދާއިރާއިން ވަޒީފާގެ ފުރުސަތު ވެސް އެ އަތޮޅުގެ ރައްޔިތުންނަށް ހުޅުވާލާނެ އެވެ.
ތިނަދޫއަށް ކާގޯ ދަތުރުތައް ފެށުމާއެކު އެ ރަށުގައި ސަރަހައްދި ވިޔަފާރި ބަނދަރު ހެދުމުގެ މަސައްކަތް މިއަދު ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފަ އެވެ. އެމްޓީސީސީން ބުނީ45 ދުވަސްތެރޭގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް