ނ. ލަންދޫ އާއި އއ. ބޮޑުފުޅަދޫ އިމާރާތްކުރާ މިސްކިތުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އާއި ޑެޕިއުޓީ ޑިރެކްޓަރު އަބްދުލް އަޒީޒް އިސްމާއިލް އެވެ. ހައިމަން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ޑިރެކްޓަރު މުހައްމަދު އައިމަން އާއި އެންޖިނިއާ ހުސައިން ޝަރީފް އެވެ.
މި ދެ ރަށުގެ މިސްކިތުގެ ނުނިމި ހުރި މަސައްކަތް ހައިމަން ކޮންސްޓްރަކްޝަނާއި ހަވާލު ކުރަން ޖެހުނީ އެ މިސްކިތްތައް އިމާރާތް ކުރި ކުންފުންޏަށް މަސައްކަތްތައް ނުނިންމުމާއި ގުޅިގެންނެވެ. ލަންދޫގެ މިސްކިތުގެ މަސައްކަތް ނިންމުމަށް 210 ދުވަސް ދީފައިވާއިރު ބޮޑުފުޅުދޫ މިސްކިތުގެ މަސައްކަތް ނިންމުމަށް ދީފައިވަނީ 180 ދުވަހެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ލަންދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރި އިރު މިހާތަނަށް ނިމިފައި ވަނީ ފައުންޑޭޝަނާއި 33 ތަނބުން 23 ތަނބުގެ މަސައްކަތާއި ވުޟޫ ކުރާ ބައިގެ ފައުންޑޭޝަން މަސައްކަތުގެ އިތުރުން މުންނާރުގެ ފައުންޑޭޝަންގެ މަސައްކަތެވެ. އެއީ މުޅި މުޝްރޫއުގެ 15 ޕަސެންޓު މަސައްކަތެވެ.
ބޮޑުފުޅުދޫ މިސްކިތުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ނިމިފައިވަނީ މިސްކިތުގެ ފައުންޑޭޝަން އެޅުމާއި 33 ތަންބުން 21 ތަނބުގެ މަސައްކަތާއި ތަނބުތަކުގެ މަތީގައި ބީމް ބެހެއްޓުމާއި ވުޟޫކުރާ ބައިގެ ކޮންކްރީޓް މަސައްކަތެވެ. އޭގެއިތުރުން މިސްކިތުގެ ވަށާފާރުގެ ފައުންޑޭޝަން އާއި ދަގަނޑު އެތުރުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. އެއީ މުޅި މަޝްރޫއުގެ 20 ޕަސެންޓު މަސައްކަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް