ހިޔާ ފްލެޓް ސަރަހައްދުގައި ކްލިނިކް، ފާމަސީ، ސުޕަމާކެޓް، ގްރޯސަރީ ސްޓޯރް އަދި ކެފެޓީރިއާ ހިންގުމަށް ފުރުސަތު ހުޅުވާލައިފި

ހުޅުމާލެ ފޭސް ދޭއް ގައި  ހިޔާ ޕްރޮޖެކްޓްގެ ދަށުން އިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓުތަކުގެ ސަރަޙައްދުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެސަރަހައްދުގައި އާއްމުކޮށް ބޭނުންވާނެ އަސާސީ ގިނަ ހިދުމަތ...

22 Dec 2020 | 10:57

ހުޅުމާލެ ފޭސް ދޭއް ގައި  ހިޔާ ޕްރޮޖެކްޓްގެ ދަށުން އިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓުތަކުގެ ސަރަޙައްދުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެސަރަހައްދުގައި އާއްމުކޮށް ބޭނުންވާނެ އަސާސީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭނެ ފަރާތަކެއް ހޯދުމަށް އެޗް.ޑީ.ސީ އިން އިއުލާނުކޮށްފިއެވެ.

މިގޮތުން ކްލިނިކްއަކާއި ފާމަސީއެއްގެ އިތުރުން ސުޕަމާކެޓާއި ގްރޯސަރީ ސްޓޯރ އަދި ކެފެޓީރިއާ ހިންގުމަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވާގޮތުގައި ހުޅުމާލޭ ފޭސް ދޭއްގައި އިމަރާތް ކުރެވިފައިވާ ހައުސިންގ ޔުނިޓުތަކަކީ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ދިރިއުޅޭނޭ ސަރަހައްދަކަށްވެފައި އެ ސަރަޙައްދުން ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާނެ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ގިނަ މަސަކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން އެސަރަޙައްދުގައި ކްލިނިކެއް ހިންގާނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައިވަނީ  H12-G-04ޔުނިޓެވެ. 2،196.91 އަކަފޫޓުގެ މި ޔުނިޓަށް ފުރަތަމަ ދެ އަހަރު ނެގުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް 15 ރުފިޔާއެވެ. އަދި ތިން ވަނަ އަހަރުން ފެށިގެން ފަސް ވަނަ އަހަރަށް މި ޔުނިޓްއަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގެއްގެ ގޮތުގައިވެސް ކަނޑައެޅިފައިވަނީ އަކަފޫޓަކަށް 15 ރުފިޔާއެވެ. 21 ޖަނަވަރީ 2021 ގެ 12:00 ގެ ކުރިން ބިޑް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ޔުނިޓާއި ބެހޭ ގޮތުން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ސެޝަން 30 ޑިސެންބަރު 2020 ވަނަ ދުވަހު 14:00 ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކްލިނިކްގެ އިތުރުން 542.39 އަކަފޫޓޫގެ H12-G-02  ޔުނިޓް، ފާމަސީއެއް ހިންގުމަށް ވަނީ ހުޅުވާލަފައެވެ. ކުލީގެ ގޮތުގައި ފުރަތަމަ 2 އަހަރު އަކަފޫޓަކަށް 15 ރުފިޔާ ނެގުމަށް ހަމަޖެހިފައިފާއިރު 3 ވަނަ އަހަރުން 5 ވަނަ އަހަރަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ އަކަފޫޓަކަށް 30 ރުފިޔާއެވެ. ފާމަސީ ހިންގުމަށް ބޭނުންފުޅުވާ ބޭފުޅުން 21 ޖަވަނަވަރީ 2021 ވަނަ ދުވަހުގެ 15:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވާއިރު ޕްރީ ޕްރޮޕޯސަލް މީޓިންގް 30 ޑިސެންބަރު 2020 ވަނަ ދުވަހުގެ 13:00 ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން، ސުޕާމާކެޓް ހިންގުމަށް 2 ޔުނިޓެއް ކަނޑައެޅިފައިވެއެވެ. އެގޮތުން 3106.89 އަކަފޫޓުގެ H16-G-05  ވަނަ ޔުނިޓާއި 3291.28 އަކަފޫޓުގެ H14-G-01 ވަނަ ޔުނިޓު ކުއްޔަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި 2 ޔުނިޓުގެވެސް ފުރަތަމަ 2 އަހަރު ކުލީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ އަކަފޫޓަކަށް 15 ރުފިޔާއެވެ. އަދި 3 ވަނަ އަހަރުން ފެށިގެން 5 ވަނަ އަހަރާއި ހަމައަށް އަގު ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 30 ރުފިޔާގެ ރޭޓުންނެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ކުންފުންޔަށް 19 ޖަނަވަރީ 2021 ގެ 12:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލަފައެވެ. ސުޕާމާކެޓު ހުޅުވުމަށް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ޔުނިޓާއި ބެހޭގޮތުން ބާއްވާ ޕްރީޕްރޮޕޯސަލް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 29 ޑިސެންބަރު 2020 ވަނަ ދުވަހުގެ 14:00 ގައެވެ.

ގްރޯސަރީ ސްޓޯރ ހިންގުމަށް H12-G-08  1096.52 އަކަފޫޓު އަދި H16-G-01  1093.40 އަކަފޫޓޫގެ 2 ޔުނިޓު ކުއްޔަށްދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2 ޔުނިޓުގެ ކުލީގެ ގޮތުގައި ފުރަތަމަ 2 އަހަރު ނެގުމަށް ހަމަޖެހިފައިވަނީވެސް އަކަފޫޓަކަށް 15 ރުފިޔާއެވެ. ފުރަތަމަ 2 އަހަރު ނިމުމުން 3 ވަނަ އަހަރުން ފެށިގެން 5 ވަނަ އަހަރަށް އެންމެ ކުޑަ އަގަކަށް ބިޑް ކުރެވޭނީ އަކަފޫޓަކަށް 30 ރުފިޔާއެވެ. 20 ޖަނަވަރީ 2021 ވަނަ ދުވަހުގެ 15:00 ގެކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވެއެވެ. އަދި ޕްރީ ޕްރޮޕޯސަލް މީޓިންގް 29 ޑިސެންބަރު 2020 ވަނަ ދުވަހުގެ 13:00 ގައި ބޭއްވޭނެއެވެ.

މި ސަރަޙައްދުގައި 2 ކެފެޓީރިއާ ހިންގުމަށް ވެސް ވަނީ ހަމަޖެހިފައެވެ. H15-G-10  ގެ 1085.86 އަކަފޫޓޫގެ ޔުނިޓްގެ އިތުރުން H12-G-11  ގެ 926.45 ޔުނިޓު ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ވަނީ ފުރަތަމަ 2 އަހަރު އަކަފޫޓަކަށް 15 ރުފިޔާގެ ރޭޓުންނެވެ. އަދި 3 ވަނަ އަހަރުން ފެށިގެން އަކަފޫޓަކަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 30 ރުފިޔާއެވެ. ޖަނަވަރީ 20 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި ޕްރީ ޕްރޮޕޯސަލް މީޓިންގް 29 ޑިސެންބަރު 2020 ވަނަ ދުވަހުގެ 15:00 ގައި ބޭއްވޭނެއެވެ.

މިގޮތުން މިފަހަރު އިޢުލާން ކުރެވިފައިވާ ޔުނިޓުތަކުގެ ކުލި ކޮވިޑާއި ގުޅިގެން ދިމާވެފައިވާ ދަތިތަކަށް ލުއެއް ހޯދައި ދިނުމުގެ ގޮތުން ފުރަތަމަ ދެ އަހަރު އެޗް.ޑީ.ސީ އިން ވަނީ ކޮންމެ ޔުނިޓަކުންވެސް އަކަފޫޓަކަށް 15 ރުފިޔާ ނެގުމަށް ނިންމާފައި ކަމަށާއި މި ޔުނިޓުތަކާއި އާރް.އެފް.ޕީ އާއި ބެހޭ އިތުރު މަޢުލޫމާތު އެޗްޑީސީގެ ވެބްސައިޓުންނާއި މައި ހުޅުމާލެ ޕްރޮޕަޓީ ވެބްސައިޓުން ލިބިވަޑައިގަންނަވާނެ ކަމުގައި އެޗްޑީސީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް