ކޯވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލި ފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަނެއްކާވެސް އާ ރެކޯޑެއް ގާއިމްކޮށްފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ބޯޑަރު އަލުން ހުޅުވި ފަހުން މިދިޔަ އާދިއްތަ ދުވަހަކީ އެންމެ ގިނަ އަދަދެއްގެ އެއާޓްރެފިކް މޫވްމަންޓްސް ރެކޯޑު ކުރެވުނު ދުވަސް ކަމަށެވެ. އެގޮތުން އާދިއްތަ ދުވަހު ވީއައިއޭގައި 578 އެއާޓްރެފިކް މޫވްމަންޓް ރެކޯޑު ކުރެވިފައިވާ ކަމަށް ބުނެ އެވެ.
އެމްއޭސީއެލްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު އަލުން ހުޅުވި ފަހުން އެންމެ ގިނަ އެއާޓްރެފިކް މޫވްމަންޓްސް ރެކޯޑު ކުރި ފުރަތަމަ ދުވަހަކީ މިމަހުގެ 12 ވަނަ ދުވަހެވެ. އެދުވަހު ވީއައިއޭއަށް 405 ފްލައިޓް ޖައްސާ އަދި ފުރާފައިވާއިރު އެ ދުވަހު ރާއްޖެއަށް 4179 މީހުން އައެވެ.
އާދިއްތަ ދުވަހުގެ ރެކޯޑަކީ އެ ދުވަހުގެ ރެކޯޑާއި އަޅާ ބަލާއިރު 42 ޕަސެންޓުގެ ކުރި އެރުމެކެވެ. އެމްއޭސީއެލްއިން ބުނީ މިދިޔަ އާދިއްތަ ދުވަހު ވީއައިއޭގައި 578 އެއާޓްރެފިކް މޫވްމަންޓް ރެކޯޑު ކުރެވިފައިވާއިރު ރާއްޖެއަށް 5،845 މީހުން އައިސްފައިވެ އެވެ.
ބޯޑަރު އަލުން ހުޅުވި ފަހުން މިހާތަނަށް25 އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށާފައި އެވެ. އަދި މިހާތަނަށް އަލުން ބޯޑަރު ހުޅުވި ފަހުން ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.
މި މަހު އިތުރު އެއާލައިންތަކަކުން ދަތުރު ފެށުމަށް ހަމަޖެހިފައިވާއިރު ރާއްޖެއަށް ދަތުރު ކުރާ ބައެއް އެއާލައިންތަކުން ދަނީ ރާއްޖޭގެ ޑިމާންޑު ބޮޑުވެ އިތުރު ދަތުރުތައް ޝެޑިއުލް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް