ލ. މާވަށުގައި މިހާރު ފެށިގެން ކުރިޔައްދާ އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެންޖްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި ސެމީއަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެއެވެ.
ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް ރޭ ކުޅެނިމިފައިވާއިރު، ސެމީފައިނަލުގެ ހަތަރު ޖާގަ ކަށަވަރު ކޮށްފައިވަނީ ޑީޑީއެފް ދި ޖެނެރޭޝަން، ޑީޑީއެފް ނިއު ޖެނެރޭޝަން، އަކިރޮކޮޅުު އެސްސީ އަދި ލާމު ބްލޫސްއެވެ.
ޑީޑީއެފް ދި ޖެނެރޭޝަން ސެމީއިން ޖާގަހޯދީ ރޭ ޓީކޭ ސްޕޯޓްސް ކުލަބާއި ވާދަކޮށް 1-6 ގެ ނަތީޖާއިން މޮޅުވެ ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއި އެކު ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ޑީޑީއެފް ދި ޖެނެރޭޝަން މުބާރާތުގެ ސެމީއަށް ދަތުރުކުރިއިރު، އެގުރޫޕުގެ ދެނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރު ކުރީ އަކިރިކޮޅުު އެސްސީއެވެ.
އަކިރިކޮޅު އެސްސީ ސެމީއަށް ދަތުރުކުރީ ޓީކޭ ސްޕޯޓްސް ކުލަބާއި އެއްވަރަކަށް ޕޮއިންޓު ލިބިގެން ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ. މި ގްރޫޕްގައި ދެން ހިމެނޭ އެމްވައި އާއި ފޯކަސް ވަނީ މުބާރާތުން ކަޓާފައެވެ.
ލާމު ބްލޫސް މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރީ މުބާރާތުގެެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިންމެޗު ކާމިޔާބު ކޮށް ލިބުނު ނުވަ ޕޮއިންޓާއި އެކު އެޓީމު ހިމެނޭ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ބީއިން ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ޑީޑީއެފް ނިއު ޖެނެރޭޝަންއެވެ. އެޓީމު ސެމީ އިން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ ކާލާ މަންނައާއި ވާދަކޮށް 3-7 އިން މޮޅުވެގެން ލިބުނު ހަތް ޕޮއިންޓާއި އެކުގައެވެ. ގްރޫޕް ބީގައި ދެން ހިމެނޭ ކާލަ މަންނަ ، ގޯޅި ޖޫނިއަރ އަދި އެފްސީ ޗެމްޕިއަން ވަނީ މުބާރާތުން ކަޓާފައެވެ.
މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަ ޖެހިފައިވަނީ މިމަހުގެ 23 ވާ ބުދަ ދުވަހުގެ ރޭގައެވެ. އެގޮތުން އެރޭ ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޑީޑީއެފް ނިއު ޖެނެރޭޝަން އާއި ޑީޑީއެފް ދި ޖެނެރޭޝަން އެވެ. މި މެޗު ފަށާނީ 20:30 ގައެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އަކިރިކޮޅު އެސްސީ އާއި ލާމު ބްލޫސް އެވެ. މި މެޗު ފަށާނީ 21:30 ގައެވެ.
މުބާރާތުގެ މިފަހަރުގެ ކޯ ސްޕޮންސަރުން ނަކީ މާވަށް ކައުންސިލް، ރެލެކްސް ޒޯން އަދި ރިލެކްސް މާޓްއެވެ. މުބާރާތުގެ މޭޖާ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ޓޮޕް ސްޕޮޓް، ވިލަރެސް ގެސްޓުހައުސް، ލެޒިޒް، ނިއު ވޭވް، ކެފޭ ލާމު، ކެފޭ އަޒޫރޯ، ކޭމާކް ޒޯން، އޯސިސް އަދި ޕިޒްކާއެވެ.
މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000ރ ގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 5،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ.
މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ދުވަސް އެމްވީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް