ގިނަ މައްސަލަތަކެއް ހައްލު ނުވާކަމަށް ބުނެ ފެލިވަރުގައި މަސްވެރިން މުޒާހަރާ ކުރަނީ

ޅ. ފެލިވަރުގައި ގިނަ އަދަދެއްގެ މަސްވެރިން މުޒާހަރާ ކުރަމުން އެބަދެ އެވެ. މުޒާހަރާ ކުރަމުން ދަނީ ފެލިވަރު ފަޅުތެރޭގައި ދޯނިތައް އަޅައިގެން ގާތްގަނޑަކަށް 20 ދޯނީގެ މަސްވެރިން މި މުޒާހަރާގައި ބައިވެރިވާ...

22 Dec 2020 | 07:40

ޅ. ފެލިވަރުގައި ގިނަ އަދަދެއްގެ މަސްވެރިން މުޒާހަރާ ކުރަމުން އެބަދެ އެވެ.

މުޒާހަރާ ކުރަމުން ދަނީ ފެލިވަރު ފަޅުތެރޭގައި ދޯނިތައް އަޅައިގެން ގާތްގަނޑަކަށް 20 ދޯނީގެ މަސްވެރިން މި މުޒާހަރާގައި ބައިވެރިވާކަމަށް މައުލޫމާތު ލިބެ އެވެ.

މުޒާހަރާގެ ބައިވެރިން ބުނަމުން ދަނީ މުޒާހަރާ ކުރަން ޖެހުނީ މަސްވެރިންނަށް ދިމާވަމުންދާ މައްސަލަތައް ހައްލު ނުކޮށްދީ ދިގުލައިގެން ދާތީ ކަމަށެވެ. އަދި އެ މައްސަލަތައް ހައްލުނުވެ މަސްވިއްކައިގެން ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން މަސްވެރިންގެ އާއިލާތައް ބިކަވަމުންދާ ކަމަށް ބުންޏެވެ.

މި މުޒާހަރާގައި މަސްވެރިންގެ ފާޅު ކުރަމުންދާ ޝުއޫރުތަކުގެ ތެރޭގައި މަސްވެރިންނަށް މަސް ކިރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި، ހަމަ އަގު ހޯދައިދިނުމަށް ގޮވާލުން ހިމެނެ އެވެ. އަދި އުތުރުގައި މަސްގަންނަން ތަރައްގީ ކޮށްފައިވާ ށ. ކީކިމިނި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމާއި ފަސޭހައިން އައިސް ލިބޭޭނެ ގޮތެއް ހަމަޖެއްސުމަށް މަސްވެރިން ދަނީ ގޮވަލަމުންނެވެ.

ފެލިވަރު ފަޅުތެރޭގައި ކުރާ މުޒާހަރާގައި ބައިވެރިވާ ދޯނިތަކުގައި ވަނީ މަސްވެރިންގެ ޝުއޫރުތައް ފާޅު ކުރުމުގެ ގޮތުން ތަފާތު އެއްޗެހި ލިޔެފައިވާ ޕޯސްޓަރުތައް ހަރުކޮށްފައި އެވެ. އަދި މަސްވެރިން ދަނީ ފެލިވަރަށް އެރުމަށްވެސް މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރުމަށް ޑިމާންޑު ކުރަމުންނެވެ. ރައީސް ސޯލިހާ ބައްދަލު ކުރުމަށް މުޒާހަރާ ކުރާ މަސްވެރިން ގޮވާލަމުން ދާއިރު މި މަހުގެ ކުރީކޮޅު ޅ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ފެލިވަރަށް ވަޑައިގެން އެ ރަށަށް މަސް ކިރަން ގޮސްތިބި މަސްވެރިންނާއި ރައީސް ސޯލިހު ބައްދަލު ކުރައްވާފައިވެ އެވެ.

މަސްވެރިންގެ މުޒާހަރާ އާއި ގުޅިގެން ފުލުހުން ދަނީ ފެލިވަރުގައި ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުން ވަނީ ރަށަށް އަރައިގެން ނުދެވޭގޮތަށް ޖެޓީގެ ވަކި ހިސާބަކުން ބަންދުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް