އާ އުސޫލަށް އަމަލު ކުރަން ފަށާތީ ސިވިލް ސާވިސް މުވައްޒަފުން ހޯދުން މެދުކަނޑާލަނީ

ސިވިލް ސާވިސްގެ މަގާމުތަކަށް މީހުން ހޯދުމާއި އައްޔަން ކުރުމުގެ އާ މިންގަނޑަކަށް އަމަލުކުރަން ފަށާތީ ސިވިލް ސާވިސްގެ މަގާމުތަކަށް މީހުން ހޯދަން އިއުލާނުކުރުން ވަގުތީ ގޮތުން ހުއްޓާލަން އަންގައިފި އެވެ. ...

22 Dec 2020 | 07:07

ސިވިލް ސާވިސްގެ މަގާމުތަކަށް މީހުން ހޯދުމާއި އައްޔަން ކުރުމުގެ އާ މިންގަނޑަކަށް އަމަލުކުރަން ފަށާތީ ސިވިލް ސާވިސްގެ މަގާމުތަކަށް މީހުން ހޯދަން އިއުލާނުކުރުން ވަގުތީ ގޮތުން ހުއްޓާލަން އަންގައިފި އެވެ.

އާ މިންގަނޑަށް އަމަލު ކުރަން ފަށާނީ އަންނަ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ. މަގާމުތަކަށް މީހުން ހޯދަން އިއުލާނު ކުރުން ހުއްޓާލަނީ މާދަމާއިން ފެށިގެންނެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ މަގާމުތަކަށް މީހުން ނެގުން ވަގުތީގޮތުން ހުއްޓާލަނީ އާ އުސޫލަށް އަމަލުކުރަން ފަށަން ތައްޔާރުވުމުގެ ގޮތުން ކަމަށެވެ. އެ ކޮމިޝަނުން ބުނީ އަންނަ މަހުގެ ކުރިން ކޮންމެހެން ކުރަން ޖެހޭ އިއުލާނެއް އޮތް ނަމަ މާދަމާގެ ކުރިން އިއުލާނު ގެޒެޓް ކުރަން ވާނެ ކަމަށެވެ.

ސިވިލް ސާވިސް މަގާމުތަކަށް މީހުން ހޮވުމާއި އައްޔަން ކުރަން ޖެހޭ އާ އުސޫލުގައި ވާގޮތުން މަގާމުތަކަށް މީހުން އައްޔަން ކުރަން ޖެހެނީ ސިވިލް ސާވިސް ގާނޫނުގެ ފަސް ވަނަ މާއްދާގެ (ބ) އާއި އެ މާއްދާގެ 38 ވަނަ މާއްދާ އަދި ސިވިލް ސާވިސްގެ ގަވައިދު 2014 އާ އެއްގޮތަށް ވަޒީފާތަކަށް މީހުން އައްޔަން ކުރުމަށް ޓަކައި އަމަލުކުރަން ޖެހޭ އުސޫލުގެ ދަށުންނެވެ.

https://twitter.com/cscmaldives/status/1341232698992504837

އާ އުސޫލުގައިވާ ގޮތުން މިނިސްޓްރީއެއްގެ ދަށުގައިވާ އިދާރާއެއް ނަމަ މަގާމަކަށް މީހަކު ހޯދުމާ މެދު ގޮތް ނިންމަވާނީ މިނިސްޓަރެވެ. އަދި ގަވަނިން ބޯޑެއްގެ ދަށުން ހިންގާ އިދާރާއެއް ނަަމަ ބޯޑުންނެވެ. ކައުންސިލެއްގެ ދަށުން ހިންގާ އިދާރާއެއް ނަމަ މަގާމަށް މީހުން ނެގުމާ މެދު ގޮތް ނިންމާމީ ކައުންސިލުންނެވެ.

އާ އުސޫލުގައިވާ ގޮތުން މަގާމަކަށް މީހުން ހޯދަން އިއުލާނު ނުކޮށް މީހުން ނެގޭނެ އޮތީ އެންމެ ހާލަތެކެވެ. އެއީ ސަރުކާރަށް ހިދުމަތްކުރަން އެއްބަސްވެގެން ތަމްރީނުވާ މީހުންނަށްޓަަކައި ރިޒާވްކުރާ މަގާމުތަކަށް މީހުން ނަގާ ހާލަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް