ހާމިދު ބޭނުންވަނީ ރަށަށް ދާށެވެ. ނާޒިމާގެ ހަރަކާތްތަކާ ޝަކުވާތައް އަޑުއަހާ އަހާ އޭނާ ވަރުބަލިވެއްޖެއެވެ. ޒާރާ ދެކެ ނާޒިމާ އިންތިހާއަށް ރުޅިއަންނަކަން ހާމިދަށް އެނގޭތީ، ޒާރާގެ ދިރިއުޅުމަށް ނާޒިމާގެ ހިޔަނި ނޭޅޭ ހިސާބުގައި ހުރުން ރަނގަޅުވާނެކަމަށް ހާމިދަށް ގަބޫލުކުރެވޭތީއެވެ. ޒާރާއާއި ކާފަދަރިފުޅު ގާތުގައި ހުންނަން ކިތަންމެހާވެސް ހިތްއެދެއެވެ. އެހެނަސް އެތަނުން ދިއުން އެއީ އެދެމައިންނަށް އެންމެ ފައިދާހުރި ގޮތްކަމުގައިވާތީ ހިތާދެކޮޅަށް ހާމިދު ނިންމީ ރަށަށް ދާށެވެ.
''ބައްޕަ ބޭނުމީ ދެން ރަށަށް ގޮސްލަން...... ޒައިދު އެކަނި އުޅޭތާވެސް ކިހާދުވަހެއް......'' ހާމިދު ބޭނުން ޒާރާއަށް ހާމަކުރީ އެކަމުގައި އޭނާއަށް ފެނުނު އެންމެ ރަނގަޅު ގޮތަށެވެ.
''އެންމެ ރަނގަޅު ބައްޕާ....... އެހެންވީމަ އިމްރާން ގާތުގަ ބުނެގެން ބައްޕަ މެންގެ ދަތުރު ކަންތައް ހަމަޖައްސާނަން....... ކޮންދުވަހަކަށް ހަދަންވީ.........'' ޒާރާ ބޭނުންވީ އޭނާގެ ބައްޕަ ބޭނުންވާގޮތަށް ދަރުތުގެ ކަންތައް ހަމަޖައްސާށެވެ.
''މިއަދު ހޯމައެއްނު.......... އަންނަ ބުރާސްފަތި ރަނގަޅުވާނެ..........'' ހާމިދު އިންތިހާއަށް ދެރަވެފައި އިންނަމަވެސް އެކަން އޭނާގެ މޫނުމަތިން ނުދައްކާވޭތޯ މަސައްކަތް ކުރިއެވެ.
''އެހެންވީމަ ވާނެ އެއްނު ބާޒާރުކޮއްލަންވެސް ރަށަށް ދިއުމުގެ ކުރިން........ މަންމަ ވެސް ބޭނުންވާނެ ހެން ހީވަނީ ބާޒާރުކޮއްލަން......... އަދި ޒައިދަށްވެސް ހަދިޔާކޮޅެއް ގަނެލަންވާނެ........'' ޒާރާ ހިނިތުންވެލީ ބައްޕަ ހިތްހަމަ ޖައްސައިދިނުމުގެ ގޮތުންނެވެ.
''ބައްޕަ އަށް އެއްވެސް އެއްޗެއް ގަންނާނެ ކަމެއްނެތް...........'' ހާމިދު ބުނާނީ އެހެންކަން ޒާރާއަށް އެނގެއެވެ.
''އައްދެ ފަހަރި މިތާނގަ ދޯ............ ކިހާއިރެއް ކޭކު ނުފެޅިފަ ތިބޭތާ.........ހިނގާ އަވަހަށް........... އާދޭ ހާމިދުބެ ވެސް................'' ފަހުދު އެހެން ބުނުމަށްފަހު ހިނގައިގަތީ ކޭކު ހުރި ދިމާއަށެވެ.
މަޖަލާ ފޯރީގައި ޕާޓީ ނިމިއްޖެއެވެ. ޕާޓީއަށް އައި ގާތްތިމާގެ މީހުންނާ އެކުވެރިން ގޮސް ނިމިއްޖެއެވެ. ޒާރާވެސް ޒިލީ ގޮވައިގެން ކޮޓަރިއަށްވަނީ އިރު އޮއްސޭގަޑި ކައިރިވާތީއެވެ. ބަންގި ގޮވުމުގެ ކުރިން ދަރިފުޅު އެތެރެއަށް ވެއްދުމަށް މައިދައިތަ ބުނެފައިވާ ބުނުން ޒާރާ ހަނދާން ނައްތައެއް ނުލައެވެ.
ކޮޓަރިއަށް ވަދެވުމާއެކު ޒާރާ އަވަސްވެގަތީ ތާފަނާ ފެނުން ދަރިފުޅު ގައިގާ ފެންފޮތި ހާކާލާށެވެ. އެހާ ގިނަމީހުން އަތްލާ، އުރާހަދާފައިވުމުން ސާފުކޮއްނުލާ ޒާރާ ހިތްހަމަ ނުޖެހުނީއެވެ. ދަރިފުޅު ރީތިކޮއްލުމަށްފަހު ފީޑް ކުރުމުން ނިކަން އަވަހަށް ދަރިފުޅަށް ނިދިއްޖެއެވެ. ޒިލީއަށް ހާއްސަ ކުޑައެނދުގައި ބޭއްވުމަށްފަހު ޒާރާވެސް ފްރެޝް ވެލިއެވެ. އެއަށްފަހު ވުޟޫކޮއްލައިގެން ނަމާދަށް އަވަސްވެގަތެވެ.
ނަމާދުކޮއްނިމުނު އިރުވެސް އިމްރާނު އެތެރެއަކަށް ނުވަދެއެވެ. އެހެންކަމުން ޒާރާ ބޭނުންވީ އިމްރާން ކޮބާތޯ ބަލާލާށެވެ. ސިޓިން ރޫމު ތެރެއަށް ނިކުތްއިރު، ސިޓިންރޫމުން ޓެރަސްއަށް ނިކުންނަ ބޮޑުދޮރު ހުޅުވާފައި ހުރުމުން އިމްރާން އަދިވެސް އެތާނގައި އުޅެނީކަން ޒާރާއަށް ޔަގީން ވިއެވެ. ޕާޓީއަށް އެތުރި އެއްޗިހިތައް ނަގާ ނުނިމެނީ ކަމަށް ހީކޮށް ޒާރާ ޓެރަސްއަށް ނިކުމެވެންހުރި ދޮރުން ބޭރަށް ބޯދިއްކޮއްލިއެވެ. ވަށައިގެން ހޯދާލީ އިމްރާން ފެންނަންހުރިތޯއެވެ. ގިނަ ބޮކިތައް ހުރީ ނިއްވާފައެވެ. އެހެންކަމުން ތަނަށް ވެރިފެވައިވަނީ ފަޑު އަލިކަމެކެވެ. ކޮފީ މޭޒު ކައިރީގައި ތިބި ދެމީހުން ޒާރާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އިމްރާންގެ އިތުރުން އެހެން މީހަކުވެސް އެބައިނެވެ. އެއީ ކާކުބާވައެވެ. ދަންނަ މީހަކާ ވައްތަރުގޮތެއް ހުރިހެން ޒާރާއަށް ހީވިއެވެ. އެމީހަކު އިނީ ޒާރާ ހުރި ދިމާލަށް ފުރަގަސްދީގެންކަމުން އެއީ ކާކުކަމެއް އޭނާއަކަށް ނޭގުނެވެ. އެއީ ކޮންމެ މީހަކަށްވިޔަސް އެ ދެމީހުންތިބީ ވަރަށް އޮލަ ވާހަކައެއްގައިކަން ޒާރާއަށް އެނގުނެވެ.
ކުއްލިއަކަށް އިމްރާން ތެދުވެއްޖެއެވެ. ޒާރާ އަވަސް އަވަހާ އެރެތެރެއަށް ދެމިގަތީ އިމްރާން ކައިރީގައި އިން މީހާވެސް ތެދުވެގެން އަންނަން އުޅެނީ ކަމަށް ހީކޮށެވެ. މަޑުކުރުމެއްނެތި އަވަސް ފިޔަވަޅު އަޅަމުން ކޮޓަރިއަށް ޒާރާވަނީ އެވަގުތު އޭނާއަށް ހުރެވުނީ އެހެންމީހަކަށް ފެންނަން އެންމެ އެކަށީގެންވާ ހެދުމެއްގައި ނޫންކަން ހަނދާންވީމައެވެ.
''ލަސްވެގެންދޯ........... އިއްބެ އައިމަ މަޑުކޮއްލަން ޖެހުނީ....... އެބަ ވަންނަންއިނގޭ........'' ޒާރާގެ ފަހަތުން ވަދެގެން އައި އިމްރާން ކޮޓަރި ދޮރު ހުޅުވާލަމުން އޭނާ ލަސްވާ ސަބަބު އޮޅުން ފިލުވައިދިނެވެ.
'' އޯކޭ........ ހަމަ ބަލާލީ..........'' ޒާރާ ހިނިތުންވެލީ ނުހަނު ލޯބިންނެވެ. ޒިލީއަށް ހޭލެވިދާނެތީ މަޑުމަޑުން ދޮރު ލެއްޕުމަށްފަހު އިމްރާން އެނބުރި ނިކުތީ ޓެރަސް އަށެވެ.
''ވައިފް ކަމެއް ބޭނުންވެގެން ބަލާލިހެން ހީވެގެން މި ދިޔައީ....... އެހެން ނޫނީ މިގަޑީގަ މިތަނަށް ވަރަށް ނުނިކުންނަން..... އަދި ވަކިން ޒިލީ ލިބުނުފަހުން ވަރަށް ސަމާލުކަން ދެން މިގަޑީގަ އެދެމައިންނާ އެއްކޮށް ވަގުތު ހޭދަކުރަން.......'' އިމްރާން އިށީނީ ކުރިންވެސް އޭނާ އިން ގޮޑީގައެވެ.
''އެހެންތަ....... އެހެންވިއްޔާ މަށަށް މި އާދެވުނީ ނުބައި ގަޑިއެއްގަތާ...........'' އިއްބެ ކުރިމަތީގައި ހުރި ކޮފީތަށިން ކޯވަރެއް ބޯލަމުން އިމްރާނުގެ މޫނަށް ބަލާލިއެވެ.
''ނޫނޭ........... އިއްބެ ތީ މިހާރު މަގޭ ވަރަށް ގާތް ރަހްމަތްތެރިއެއް........ އެހެންވީމާ ރަހްމަތް ތެރިއަކާއެކު މިހެން މަޑުކޮއްލުން އެއީ ބޭކާރުވެގެންދާ ވަގުތެއް ނޫނެއްނު.......'' އިމްރާން ޖަވާބު ދިނެވެ.
''ގާތް މީހެއްނަމަ ވައިފް ވެސް އިންޓްރޮޑިއުސް ކޮއްދިނީހެއްނު.......ހެހެ....... އެއީ މަޖާ އިނގޭ......'' އިއްބެ އެބުނި އެއްޗަކާ ދޭތެރޭ އިމްރާން ވިސްނާލިއެވެ. އޭނާ އެބުނީ މުޅިއަކުން ދޮގެއްވެސް ނޫނެވެ. އިއްބެއާ ދިމާވެ ބައްދަލުކޮށް ވާހަކަދެއްވެން ފެށިފަހުން މަސްދުވަސް ވެގެން ދިޔައީއެވެ. ގެއަށް އެ އައީވެސް އިމްރާން ދައުވަތު ދީގެންނެވެ. އެހެންކަމަށްވީއިރު އިމްރާންގެ އަންހެނުން އިއްބެއަށް އިންޓްރޮޑިއުސް ކޮއްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި ދަރިފުޅަށް ގެނައި ހަދިޔާވެސް އޮތީއެވެ. އެ ހަދިޔާގައި ހިފުން އެންމެ ހައްގުކަން ބޮޑީވެސް ޒާރާ ކަމުގައި އިމްރާނަށް ގަބޫލު ކުރެވުނެވެ. ހަދިޔާ އަކީ ކިތަންމެ އާދައިގެ އެއްޗެއްކަމުގައި ވިޔަސް އިއްބެ އެ ގެނައީ ވަރަށް ފޮނި އުންމީދުތަކަކާއެކުގައި ކަން ޔަގީނެވެ.
''އެބަ އަންނަން އިނގޭ ވައިފް ގޮވައިގެން........'' އިމްރާން ތެދުވަމުން ބުންޏެވެ.
''އެހެން ފަހަރަކުންދޯ ދެން....... މިގަޑީގަ ނިކުންނަން އުނދަގޫވެސް ވެދާނު ...... ބޭބީ އޮތީމަ........'' އިއްބެ ލަދުގަންނަގޮތްވީ އޭނާއަށް ބުނެވުނު އެއްޗެއް އިމްރާން އެހާ ސީރިއަސްކޮށް ނެގީމައެވެ. އެއްގޮތަކަށްވެސް އޭނާ އެހެންބުނީ އެއްވެސް އެއްޗެއް ހިތުގައި އޮވެގެނެއް ނޫނެވެ.
''މިގަޑި އެހާ ރަނގަޅެއް ނުވާނެ ކުޑަކުދިން ގެންގުޅޭއިރު ބޭރަށް ނިކުންނާކަށް......'' އިއްބެ ބޭނުންވީ އިމްރާން ހުއްޓުވާށެވެ.
''އެއީ ތެދެކެވެ'' އިމްރާން އިށިނީ އިއްބެ އެބުނި އެއްޗެއް ގަބޫލުކުރެވިގެން ހެން އިއްބެއަށް ހީވިއެވެ.
ކިޑެއް ލިބުނީމަ ވަރަށް ހެޕީދޯ.......ވަރަށް ދުވަސްވެއްޖެތަ މެރީކުރިތާ.........'' އިއްބެ އަހާލީ އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ތެރެއިން ސުވާލެކެވެ.
''ތިން އަހަރަށްވުރެ ގިނަވީ........އިއްބެ ނޫޅެންތަ މެރީ ކުރާކަށް....... '' އިމްރާންވެސް އަހާލީ އޭނާ އެންމެ ކޮއްލަން ބޭނުންވެފައި ހުރި ސުވާލެވެ. އެ ސުވާލު އިވުމާއެކު އިއްބެގެ މޫނުމަތީގައި ހުރި އުފާވެރިކަން ގެއްލިގެން ދިޔަކަން އެ މޫނަށް ބެލިނަމަ އިމްރާނަށްވެސް ފާހަގަކުރެވުނީހެވެ.
''އަނެއްކާ ގޯސް ސުވާލެއްތަ މި ކުރެވުނީ.......... '' އިއްބެ ގެ ޖަވާބެއް ނުލިބުމުން އިމްރާން ބަލާލީ އިއްބެގެ މޫނަށެވެ. އެ މޫނުން ތަފާތުކަމެއް އިމްރާނަށް ފާހަގަކުރެވުނު ހެނެއް ހިޔެއްނުވެއެވެ. ނޫނީ އިއްބެ އައަށްވުރެ މާ ހުޝިޔާރު ކަމުގައިވާތީ އެފަދަ ކަމެއް މޫނުމަތިން ނުދައްކާ ހުރީކަމަށްވެސް ވެދާނެއެވެ.
''ނޫނޭ އެހެނެއް ނޫން........ މެރީ ކުރަން އުޅުނިން....... އެކަމަކު ތަޤްދީރުގައި އަހަންނާ މެދު ލިޔެވިފައިވާގޮތް އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެއެއްނު........މެރީކުރަން ޑޭޓެއް ފައިނަލް ކުރަންވެފަ އޮއްވާ އަހަރެން އެކްސިޑެންޓްވީ......... އެކްސިޑެންޓާ ގުޅިގެން އަހަރެން ކޯމާއަކަށް ދިޔައީ ......... އެތައް މަސްތަކެއް ފާއިތުވީ އެގޮތުގަ.......... އަލުން ތަންދޮރު ފިލާގޮތް ވީއިރު އަހަރެން ކުރަމުން ދިޔަ އުންމީދުތައްވަނީ ވިއްސިވިހާލިވެފައި.............. ލޯބިން ބިނާކުރަމުން އައި ގަނޑުވަރު ވަނީ ބިމާހަމަވެފަ .......... '' އިއްބެ ކިޔާދިނީ އޭނާ މާގިނައިން މީހުނާ ހިއްސާކުރާ ވާހަކައެއް ނޫނެވެ. އެ ވާހަކަތައް މީހުނާ ހިއްސާކޮށް އެ ހަނދާނަތައް އާކުރާކަށް އިއްބެ މިހާރަކު ބޭނުމެއް ނޫނެވެ. އެކަމުގެ ސަބަބުން އެހިތުގައި އުފެދުނު ޒަޚަމްތައް އަދިވެސް ހުރީ ތާޒާކޮށެވެ. އެ ޒަޚަމްތަކުން ލޭ ހިލުނަދޭކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންނަމަވެސް އިމްރާން ފަދަ އެހޭތެރިއަކު އެވާހަކަ އެހުމުން ކޮންމެވެސް ވަރަކަށް ކިޔާދޭން އޭނާގެ ހިތް މަޖްބޫރުކުރުވީއެވެ.
''ވަރަށް ދެރަގޮތެއް ދޯ ތި ދިމާވީ...... ކޮބާ އެކުއްޖާ މިހާރު........'' އިމްރާނަށް އެ ސުވާލު ކުރެވުނީ ބޭއިޚްތިޔާރުގައެވެ.
''ނޭނގެ.......'' އިއްބެ ދިނީ ކުރު ޖަވާބެކެވެ.
-------------------------------------------------------------------
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 24 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް