ޖިންސީ ޝިކާރައަކަށް ކޮންމެވެސް މީހަކު ވެގެން އުޅޭ މައްސަލަ ސޯޝަލް މީޑިއާއިން ނުފެންނަ ދުވަހެއް ދޭ ހެއްޔެވެ؟ ގިނައިން މިފަދަ މީހުންގެ ޝިކާރައަކަށް ވަނީވެސް އަންހެނުންނެވެ. ދެން އޮތީ ސުވާލެކެވެ. ޖިންސީ ގޯނާ ކުރާ މީހުންގެ ޝިކާރައަކަށް ގިނައިން އަންހެނުން މި ވަނީ ކީއްވެގެންތޯއެވެ؟ ސޯޝަލް މީޑިއާގެ ބައެއް މިފަދަ ވާހަކަތަކަށް އަޅުގަނޑު ނަޒަރުހިންގާލީމެވެ. އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ވާހަކައެއް އޮތިއްޔާ އެއީ އޭނާ ލާ ހެދުމެއްގެ ސަބަބުން ކަމުގައި ވަރަށް ގިނަ މީހުން ވަނީ ބުނެފައެވެ. ދެން އޮތީ އަނެއް ސުވާލެވެ. ބާލިޣުވެސް ނުވާ ކުޑަކުޑަ ލޯބިލޯބި ފުރާނައަކަށް އެފަދަ ގޯނާއެއް ކުރަނީ ކިއްވެގެންތޯއެވެ؟ ހަމަ ލާ ހެދުމަކުންތޯއެވެ؟ ހަތަރު އަހަރު ހަ އަހަރުގެ ކުއްޖެއްގެ ނުވަތަ ތިން މަސް ނުވަ މަހުގެ ކުއްޖަކަށް އެފަދަ ގޯނާއެއް ކުރަނީ އެ ކުދިންގެ ކޮން ކުށެއް އޮވެގެންބާއޭ ހިތަށްއަރައެވެ. މިއީ އެއްގޮތަކަށްވެސް އަންހެންކުދިންގެ ކުރުހެދުން ޕްރޮމޯޓު ކުރަނީކީ ނޫނެވެ. އެހެން ނަމަވެސް ފާހަގަކޮށްލަން ބޭނުންވަނީ ޖިންސީ ޝިކާރައަށް އަންހެން ކުދިން ވަނީކީ އެކުދިން ލާ ހެދުމެއްގެ ސަބަބުން, އަރާ ފައިވާނެއްގެ ސަބަބުން ނުވަތަ ނުވަތަ ޖަހާ ސެންޓެއްގެ ސަބަބަކުން ނޫންކަމެވެ.
އެންމެ ފަހުން ޖިންސީގޯނާގެ މައްސަލައެއް ފެންމަތިވެފައި މި ވަނީ މި ހިނގާ ޑިސެމްބަރ މަހުގެ 17 ވީ ބުދަ ދުވަހުގައެވެ. ފުލުހުން ބުނެފައިވާގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ. އަދި ޖިންސީގޯނާގެ ޝިކާރައަކަށް ވެފައިވަނީ ހަމަ އެންމެ 14 އަހަރުގެ އަންހެން ކުއްޖެއްކަމުގައެވެ. މި ފަހުން ކުއްޖާގެ ކާފައާއި އަދި މުނިކާފައިގެ ޖިންސީ ޝިކާރައަކަށްވީ ދެ އަހަރުގެ ކުއްޖާގެ ވާހަކަވެސް އަދި އޮތީއެވެ. މި ދައްކަނީ އުމުރުން ދުވަސްވީ، ޤަދަރާއި އިޚުތިރާމް ލިބެންޖެހޭ ބައެއްގެ ވާހަކައެވެ. ދެ އަހަރުގެ ކުޑަކުއްޖާގެ މުސްތަޤުބަލަށް ވާނީ ކިހިނެތްތޯއެވެ. ވިސްނާ ފިކުރުކުރާ މީހަކު ހިތް ފަޅައިގެންދާ ވަރުގެ ވާހަކަ ނޫންހެއްޔެވެ؟ މި ދައްކަނީ ސައްތައިން ސައްތަ މުސްލިމު ޤަޢުމެއްގައި ހިނގާފައިވަ ކަންތައްތަކުގެ ވާހަކައެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރީން ޓްވީޓާއިވެސް ހަމަ މިފަދަ ވާހަކައެކެވެ. ކަސްރަތަށް ދުވަސް ގޮސް އެކަނި އުޅުނު އަންހެނެއްގެ ވާހަކައެވެ. އޭނާ ދުވަމުން ދަނިކޮށް ފިރިހެނަކު ދަމުން އޭނާގެ ފުކޮޅުގައި އަތްލާފައި ދިޔަ ވާހަކައެވެ. އަދި މިނިވަންކަމާއި ރައްކައުތެރިކަމާއެކު އަންހެނުންނަށް ކަސްރަތަށް ދުވެލެވޭފަދަ މާޙައުލެއްވެސް ރާއްޖޭގައި ނެތްވާހަކައެވެ. އަންހެނުން ދިރިއުޅެމުންދާންވީ ޖިންސީ ޝިކާރައަކަށް ވެދާނެކަމުގެ ނަފުސާނީ ބިރުވެރިކަމެއްގެ ތެރޭގައިތޯއެވެ؟
ދެންއޮތީ ސައުތް އެމެރިކާގެ ޞަރަޙައްދެއް ކަމުގައިވާ ޕެރޫގައި ހިނގާފައިވާ ޙާދިސާއެއްގެ ވާހަކައެވެ. ޕެރޫގައި ހިނގާފައިވާ މި ޙާދިސާގައި 20 އަހަރުގެ އަންހެންކުއްޖާ ޖިންސީ ޝިކާރައަކަށް ވެފައިވަނީ އޭނަ ލައިގެންހުރި ޖަންގިޔަލުގެ ކުލައަކީ ރަތްކުލައަށް ވީމަ ކަމުގައިވިއެވެ. ކޯޓުން މައްސަލަ ނިމުނުއިރުގައި ޖިންސީ ޝިކާރަ ކުރި މީހާ ވަނީ ސަލާމަތްވެފައެވެ. އެއީ ރަތްކުލައިގެ ޖަންގިޔަލެއް ލައިފައި ހުރުމަކީ ރޭޕް ކުރުމަށް ދެވޭ ފުރުޞަތަކަށް ވުމުންކަމަށް ކޯޓުން ވަނީ ނިންމާފައެވެ. މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ޕެރޫގައި ގިނަ ބަޔަކުވެގެން ވަނީ ރަތް ޖަންގިޔަލާއި, ރަތް މާސްކާއި އަދި ރަތްކުލައިގެ އަންގި ލައިގެން މުޒާހަރާވެސް ކޮށްފައެވެ.
ތިރީގައި މި ވަނީ 2020 ވަނަ އަހަރުގައި ދިވެހި ރާއްޖޭގައި ޖިންސީގޯނާގެ މައްސަތަލައް ރިޕޯރޓްކޮށްފައިވާ މިންވަރާ ބެހޭގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއިން އެބޭފުޅުންގެ ސައިޓުގައި ތައްޔާރުކޮށްފައިވާ ޚުލާސާއެކެވެ.
މި ޚުލާސާއިން ދައްކާގޮތުގައި މި ހިނގާ 2020ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ޖިންސީގޯނާގެ 162 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި އަހަރުގެ ދެވަނަ ކުއާޓާގައި ޖިންސީގޯނާގެ 74 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. ހަމަ މި އަހަރުގެ ތިންވަނަ ކުއާޓާގައި މިހާތަނަށް ޖިންސީގޯނާގެ 145 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މިއަދާ ހަމައަށް މުޅި ޖުމުލަ 2020 ވަނަ އަހަރުގައި 381 ޖިންސީގޯނާގެ މައްސަލައެއް މިވަނީ ހުށަހަޅާފައެވެ.
2020 ވަނަ އަހަރުގައި ޖިންސީގޯނާގެ 381 މައްސަލައެއް ފެންމަތިވެފައިވާ އިރުގައި ހަމަ އެކަނި ފުރަތަމަ ކުއާޓާގައިވެސް 70 އަށްވުރެ ގިނައީ އުމުރުން އެންމެ 14 އަހަރުން ދަށުގެ ކުޑަކުދިން ޖިންސީގޯނާގެ ޝިކާރައަކަށް ވެފައިވާ މައްސަލަތަކެވެ. ދެވަނަ ކުއާޓާގައިވެސް 20 އަށް ވުރެން ގިނައީ އުމުރުން 14 އަހަރަށްވުރެން ދަށުގެ ކުދިންނެވެ. އަދި ތިންވަނަ ކުއާޓާގައިވެސް ޖިންސީގޯނާގެ މައްސަލަތަކުގެ ޝިކާރައަކަށް ވެފައިވާ 14 އަހަރުން ދަށުގެ އުމުރުފުރަ 50 އަށްވުރެން މައްޗެވެ.
2020ވަނަ އަހަރުގައި ޚާއްޞައެހީއަށް ބޭނުންވާ މީހުން ޖިންސީ ޝިކާރައަށް ވެފައިވާ މިންވަރަށް ބަލައިލަމާ ހިނގާށެވެ. އަހަރުގެ ފުރަތަމަ ކުއާޓާގައި ޚާއްސައެހީއަށް ބޭނުންވާ ހަތަރު މީހަކު މި ވަނީ ޖިންސީ ޝިކާރައަކަށްވެފައެވެ. އަދި އަހަރުގެ ދެވަނަ ކުއާޓާގައި އެންމެ މީހެއް ހިމެނޭއިރުގައި އަހަރުގެ ތިންވަނަ ކުއާޓާގައި ދެމީހަކު މިވަނީ ޖިންސީ ޝިކާރައަކަށްވެފައެވެ.
އަވަށްޓެރި ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރ އިމްރާން ޚާން ވަނީ ޖިންސީގޯނާގެ މައްސަލަ އެތަނުގައި ބޮޑުވުމާ ގުޅިގެން ވަރުގަދަ ފިޔަވަޅެއް އަޅާފައެވެ. ވަރުގަދަ ކަމެއް ޙައްލުވާނީ ވަރުގަދަ ފިޔަވަޅެއްވެސް އަޅައިގެން ނޫންހެއްޔެވެ؟ ޕާކިސްތާނުގައި މި ވަނީ ޖިންސީގޯނާ ކުރާ މީހުންގެ ޖިންސީ އެދުމުގެ ބާރު ދެރަކޮށްލާފަދަ ކެމިކަލް އެފަދަ މީހުންނަށް ދިނުމަށް ނިންމާފައެވެ.
ރާއްޖެ ކަހަލަ މަދު މީސްކޮޅަކު ދިރިއުޅެމުންދާ މި ކުޑަކުޑަ ޤަޢުމުގައި ޖިންސީގޯނާ ފަދަ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިފައި ނެތުމީ ވަރަށްވެސް ހިތާމަހުރިކަމެކެވެ.
ރާއްޖޭގެ ޖިންސީގޯނާގެ މައްސަލަތަކަށް ބަލައިލާއިރުގައި ޖިންސީގޯނާގެ ޝިކާރައަށްވެފައިވާ 14 އަހަރުން ދަށުގެ ކުޑަކުދިން އެހެން ހުރިހާ އުމުރުފުރަތަކަށްވުރެން އިތުރެވެ. އެހެންކަމުން ހަމަ ޔަޤީނުންވެސް ޖިންސީގޯނާގެ ޝިކާރައަށް މި ވަނީ މީހަކު ލާ ހެދުމަކުން, އަރާ ފައިވާނަކުން ނުވަތަ ޖަހާ ސެންޓަކުން ނޫންކަން ޔަޤީނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް