ޒިނޭ އާއި ގުޅޭ ބަސްތަކެއް ޕީޖީ ބޭނުން ކުރެއްވި ގޮތަށް އިސްލާމިކް މިނިސްޓްރީން ރައްދު ދީފި

ޒިނޭގެ ތެރޭގައި ގާނޫނީ ޒިނޭ އާއި ޝަރުއީ ޒިނޭ ހިމެނޭ ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުމެއްގައި ބަސްތަކެއް ބޭނުން ކުރައްވާފައިވާ ގޮތަށް އިސ...

22 Dec 2020 | 03:37

ޒިނޭގެ ތެރޭގައި ގާނޫނީ ޒިނޭ އާއި ޝަރުއީ ޒިނޭ ހިމެނޭ ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުމެއްގައި ބަސްތަކެއް ބޭނުން ކުރައްވާފައިވާ ގޮތަށް އިސްލާމިކް މިނިސްޓްރީން ރައްދު ދީފި އެވެ.

ޒިނޭގެ ކުށް ސާބިތު ކުރުމާއި ގުޅޭގޮތުން ބަސް ކުރަން ފަށާފައި މިވަނީ ޒިނޭގެ ކުށް ސާބިތުކުރުމުގައި ޑީއެންއޭ ހެކި ބޭނުން ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމަކަށް ފަހު އެވެ.

ޕީޖީ ޝަމީމް ލިޔުއްވާފައިވާ ލިޔުމުގައި އޮތީ ޒިނޭގެ ކުށް ސާބިތުކުރުމުގައި ރާއްޖޭގައި އަމަލުކުރަމުން އައި ގޮތާއި ގާނޫނުލްއުގޫބާތު އެކުލަވާލުމުގައި އެކަމަށް ގެނައި ބަދަލުތަކާ ބެހޭ ގޮތުން ނެވެ. އެ ލިޔުމާއި މެދު އިސްލާމިކް މިނިސްޓްރީން ހިތްހަމަ ނުޖެހުނީ ލިޔުމުގައި ޒިނޭގެ ތެރޭގައި "ގާނޫނީ ޒިނޭ" އާއި "ޝަރުއީ ޒިނޭ" ހިމެނޭ ކަމަށް ލިޔުއްވާފައި ވާތީ އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އިސްލާމްދީނުގައި ބޭނުން ކުރަމުންދާ ޝަރުއީ ލަފްޒުތައް ބޭނުން ކުރަންވާނީ ޝަރުއުގައި އެ އެ ބޭނުން ކުރަމުން އަންނަ ގޮތަށް ކަމަށެވެ. ގާނޫނީ ގޮތުން ވެސް މި ލަފްޒުތައް ބޭނުންކުރަމުން އަންނަނީ ޝަރުއުގައި އޮންނަ ގޮތަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިސާލެއްގެ ގޮތުގައި ބުނެފައިވަނީ ޒިނޭ ވާނީ ޒިނޭއަށް ކަމަށެވެ. އަދި ކައިވެނި ވާނީ ކައިވެންޏަށް ކަމަށާއި ލިވާޠު ވާނީ ލިވާޠަށް ކަމަށެވެ.

އެމިނިސްޓްރީން ބުނީ އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނުތަކުގެ މައިގަނޑު މަސްދަރު ކަމަށް ވެފައި، މިފަދަ ޝަރުއީ މުޞްޠަލަޙުތަކުގެ ޝަރުޢީ މަފްހޫމް ގެއްލޭނެ ފަދައިން ބޭނުންކުރުން ޝަރުއީ މިންގަނޑުތަކާއި ގާނޫނުއަސާސީއާ ޚިލާފު ކަމަށެވެ. އެ ލަފްޒުތައް ބޭނުންކުރަންވާނީ ޝަރުއުގައި އެ ބޭނުން ކުރުމަށް އޮންނަ ގޮތަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

https://twitter.com/MVIaffairs/status/1341014823719473159

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް