ކޯވިޑް-19 އާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ގައިޑްލައިންތަކާިއ ހިލާފުވާ ފަރާތްތަކުގެ ޖޫރިމަނާ ބޮޑުކޮށްފި އެވެ
އެޗްޕީއޭއިން މިއަދު ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އުސޫލެއް އާންމުކޮށްފައި އެވެ. އޭގައި ވާގޮތުން އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވާ ފަރާތްތަކުން 1،000 ރުފިޔާއިން 100،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.
އާއްމު މީހަކު އެންގުމާ ހިލާފުވެއްޖެ ނަމަ ކުރާ ޖޫރިމަނާގެ އަދަދު:
- ފުރަތަމަ ފަހަރު ޖޫރިމަނާ، 1،000 ރުފިޔާ
- ދެ ވަނަ ފަހަރު ޖޫރިމަނާ، 3،500 ރުފިޔާ
- ތިން ވަނަ ފަހަރު ޖޫރިމަނާ، 7،500 ރުފިޔާ
- ހަތަރު ވަނަ ފަހަރު ޖޫރިމަނާ، 10،000 ރުފިޔާ
ގާނޫނީ ޝަހުސަކުން އެންގުމާ ހިލާފުވެއްޖެ ނަމަ ކުރާ ޖޫރިމަނާގެ އަދަދު:
- ފުރަތަމަ ފަހަރު ޖޫރިމަނާ، 5،000 ރުފިޔާ
- ދެ ވަނަ ފަހަރު ޖޫރިމަނާ، 25،000 ރުފިޔާ
- ތިން ވަނަ ފަހަރު ޖޫރިމަނާ، 50،000 ރުފިޔާ
- ހަތަރު ވަނަ ފަހަރު ޖޫރިމަނާ، 75،000 ރުފިޔާ
- ހަތަރު ފަހަރަށް ވުރެ އިތުރުވެއްޖެ ނަަމަ ކޮންމެ ފަހަރަކު 100،000 ރުފިޔާ
އެ އެންގުމުގައި ބުނެފައިވާ ގޮތުގައި ޖޫރިމަނާގެ އަދަދުތަކެއް ކަނޑައަޅާފައި ވީ ނަމަވެސް ބައެއް ހާލަތްތަކުގައި އެ ޖޫރިމަނާގެ މިންވަރު މަތިކުރުމުގެ އިހްތިޔާރު، ޑިރެކްޓާ ޖެނެރަލްއަށް ލިބިގެންވެ އެވެ. އެގޮތުން ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ނުވަތަ ބައްޔެއް ޖެހިފައިވާ ކަމަށް ޝައްކުކުރެވިގެން ކަރަންޓީނުކޮށްފައިވާ ނުވަތަ އެކަހެރިކޮށްފައިވާ މީހާ، އަމުރާ ހިލާފުވުން ހިމެނެ އެވެ.
އަދި މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށާއި ތަންތަނަށް ވަދެނިކުތުމާއި، ބަލި ޖެހިފައިވާ މީހާ ނުވަތަ ޝައްކު ކުރެވޭ މީހާގެ މައުލޫމާތު، އެނގިހުރެ ސިއްރުކުރުން ހިމަނާފައިވެ އެވެ. މީގެ އިތުރުން ނުރައްކާތެރި ބައްުޔެއް ޖެހިފައިވާ މީހާ ރާއްޖެ އެތެރެކުރުމަށް މަގު ފަހިކޮށްދިނުން ނުވަތަ ރާއްޖެ ގެންނަ މީހުންގެ ޖޫރިމަނާގެ މެންވަރު މަތި ކުރުމުގެ އިހްތިޔާރު އޮންނާނެ ކަމަށް ބުނެ އެވެ.
އެޗްޕީއޭއިން ބުނީި އެއަށް އަމަލު ކުރާނީ ކޯވިޑް-19އާ ގުޅިގެން މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ ކުއްލި ނުރައްކަލުގެ ގާނޫނު ތަސްދީގުކޮށް، އެ ގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު ކޮވިޑާ ގުޅިގެން ރާއްޖޭގައި އިއުލާނުކުރާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީހާ ހަމައަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް