ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މިއަދު މޮބިލައިޒްކޮށްފައިވާ ކަމުގައި އެ މަސައްކަތް ކުރިއަށް ގެންދާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން މައުލޫމާތު ދެއްވި ގޮތުގައި މި މަޝްރޫގެ ދަށުން 21،181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމާއި، 220 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 369 މީޓަރު ބޭރު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން 240 ދުވަހުގެ ތެރޭގައި ނިންމުމަށް ކުރިއަށްގެންދާ 28.87 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިވަގުތުވެސް 63 މަޝްރޫޢެއްގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ. އޭގެތެރެއިން ހަތް މަޝްރޫޢަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢެވެ. އަދި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެތެރޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ހަ މަޝްރޫޢެއްގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާފައެވެ.
މީގެ 41 އަހަރު ކުރިން، 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގަ އެވެ. އަދި އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެކުންފުނިން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް