ރ. ވާދޫ ގައި ބާއްވަން ހަމަޖެހިފައިވާ މިދާ ހިފުމުގެ މުބާރާތުން އެއްވަނައަށް ދާ ފަރާތަަކަށް 3،000 ރުފިޔާ ކަނޑައަޅައިފިއެވެ.
ވާދޫ ކައުންސިލުން މީޑިއާތަކަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިއީ މީދާ ގިނަވެގެން ކުރާ ކަމެއް ނޫން ކަމަށާއި ކޮންމެ އަހަރެެއްގައި ވެސް މީދާ ހިފުމުގެ ހަރަކާތްތައް ކައުންސިލުން އިސްނަގައިގެން އަންނަނީ ކުރިއަށް ގެންދަމުންނެވެ.
ވާދޫ އަކީ ބުޅާ އުޅޭ ރަށެއް ނޫން ކަމުން މީދާ މަދުކުރެވެން އަންނަނީ ހިފައިގެން ކަމުގައި ކައުންސިލުން މަޢުލޫމާތުު ދީފައިވެއެވެ.
ވާދޫގައި އެންމެ ކުރިއްސުރެ މީދާ ހިފަމުން އައީ ރަށުގެ އެކި ތަންތަނަށް ބޭސް ލައިގެން ނަމަވެސް އެއީ އެންމެ ރައްކާތެރި ގޮތް ނޫން ވުމުން މީދާ ހިފުމުގެ މުބާރާތެއް ބާއްވަން ނިންމީ ކަމުގައި ކައުންސިލުން މީޑިއާތަކަށް މަޢުލޫމާތު ހިއްސާ ކޮށްފައިވެއެވެ. އެހެންކަމުން އިޖުތިމާއީ ހަރަކާތެއްގެ ގޮތުގައި ފޯރި އާއެކު މީދާ ހިފުމުގެ މުބާރާތެއް ބޭއްވުން އެއީ ރަނގަޅު ގޮތް ކަމުގައި އެ ފަރާތުން ނިންމީ ކަމުގައި ވިދާޅުވެފައި ވެއެވެ.
މީދާ މެރުމުގެ މުބާރާތުގައި ބައިވެރިވުމަށްޓަކައި ވާދޫ ކައުންސިލުން ފުރުސަތު ހުޅުވާލާފައި ވަނީ މިއަދު އެވެ. މި މަހުގެ 25 ވަނަ ދުވަހު ފަށާ މި މުބާރާތް ޑިސެމްބަރު މަހުގެ ފަހަކާއި ހަމައަށް ކުރިއަށް ގެންދަން ނިންމާފައިވެއެވެ.
ވާދޫގައި ދިރިއުޅޭ ފަރާތްތަކަށް އެކަނި ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި މީދާ ހިފަން ވާނީ ހަމައެކަނި ވާދޫގެ ފަސްގަނޑުންނެވެ. މުބާރާތުން އެއްވަނައަށް ދާ ފަރާތަަކަށް ވަނީ 3،000 ރުފިޔާ ދޭން ކަނޑައަޅާފައެވެ. އަދި ދެވަނަ އަށް ދާ ފަރާތަކަށް 2،000 ރުފިޔާ ދޭން ކަނޑައަޅާފައި ވާއިރު ތިންވަނައަށް ދާ ފަރާތަކަށް 1،000 ރުފިޔާ ދޭން ވަނީ ކަނޑައަޅާފައެވެ.
މީދާ މެރުމުގެ މުބާރާތުން ބައިވެރިއަކަށް އެއްވަނަ ލިބެނީ 200 މީދާ ހިފައިގެންނެވެ. ދެވަނަ ލިބެނީ 150 މީދާ ހިފައިގެންނެވެ. އަދި ތިންވަނަ ލިބޭނީ 100 މީދާ ހިފައިގެންނެވެ.
މި މުބާރާތުގައި ހިފާ މީދާތައް ކައުންސިލުން ކަނޑައަޅާ ތަނަކަށް، ކޮންމެ ދުވަހަކު ގެންގޮސް، ހިފުނު މީދަލުގެ އަދަދު ރެކޯޑު ކުރެވޭނެއެވެ.
އަމިއްލަ ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކާއި ގްރޫޕް ހަދައިގެން ވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް