ސްވިޓްޒަރލޭންޑުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ރައީސް ސޯލިހު ދައުވަތު ދެއްވައިފި

ސްވިޓްޒަރލޭންޑުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދައުވަތު ދެއްވައިފި އެވެ. އެމަނިކުފާނު މި ދައުވަތު ދެއްވީ ސްވިޓްޒަރލޭންޑް ސަރުކާރުން ދި...

22 Nov 2021 | 13:52

ސްވިޓްޒަރލޭންޑުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދައުވަތު ދެއްވައިފި އެވެ.

އެމަނިކުފާނު މި ދައުވަތު ދެއްވީ ސްވިޓްޒަރލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޑޮމިނިކް ފަރގްލަރ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް ސޯލިހަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުކުރީގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްވިޓްޒަރލޭންޑަކީ ރާއްޖޭގެ ބައިނަލްއަޤްވާމީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގެ ތަރައްޤީއާ ކުރިއެރުމަށް ފަތުރުވެރިކަމުގެ ސިނާޢަތް އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ރާއްޖޭގެ ފަތުރުވެރިކަން ވިލާތުގެ ޤައުމުތަކަށް އިތުރަށް ފުޅާކުރުމަށް އެދިވަޑައިގަންނަވާކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ދެ ގައުމުގެ ދެމެދު ވިޔަފާރިއާ އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ވަރަށްބޮޑު އަހުމިއްޔަތުކަމެއް ދެއްވާކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ ސްވިޓްޒަރލޭންޑުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ދައުވަތު ދެއްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ދަރިވަރުންނަށް ވިލާތުގެ ޤައުމުތަކުން މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ސަރުކާރުން ޝައުޤުވެރިވާކަމުގައި ވިދާޅުވެފަ އެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވެސް ވިދާޅުވި އެވެ.

ސްވިޓްޒަރލޭންޑުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ސްވިޓްޒަރލޭންޑުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރާއްޖެއާ ގުޅިގެން މަސައްކަތްކުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވި އެވެ. އަދި ރާއްޖެއަކީ ސްވިޓްޒަލެންޑުގެ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެއްކަން ފާހަގަކުރައްވައި ރާއްޖެއާ އެ ޤައުމާ ދެމެދު ސިދާ ވައިގެ ދަތުރުތައް ވަރަށް އަވަހަށް އަލުން ފަށާނެކަމުގައި ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ވިލާތުގެ ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ ގޮތަށް ހަމަޖެއްސުމާއި ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސްވިޓްޒަރލޭންޑުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފަ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމާއި ލާމަރުކަޒުކުރުމާއި ކޮވިޑް މެނޭޖުކުރުމާއި ފަތުރުވެރިކަން ފަދަ މައުޟޫޢުތައް ހިމެނޭގޮތަަށް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް