މި އަހަރުގެ ގޯލްޑެން ބޯއީ އެވޯޑް ޕެޑްރީ އަށް

އިޓަލީގެ ޓުޓޯސްޕޯޓް ނޫހުން ހޮވާ ޔޫރަޕްގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ “ގޯލްޑެން ބޯއީ 2021” އެވޯޑް ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ 18 އަހަރުގެ މިޑްފީލްޑަރ ޕެޑްރ...

22 Nov 2021 | 13:36

އިޓަލީގެ ޓުޓޯސްޕޯޓް ނޫހުން ހޮވާ ޔޫރަޕްގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ “ގޯލްޑެން ބޯއީ 2021” އެވޯޑް ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ 18 އަހަރުގެ މިޑްފީލްޑަރ ޕެޑްރޯ ގޮންޒާލޭޒް ލޮޕޭޒް (ޕެޑްރީ) އަށް ލިބިއްޖެ އެވެ.

ގޯލްޑެން ބޯއީ އެވޯޑަކީ އިޓަލީގެ ޓުޓޯސްޕޯޓް ނޫހުން 2003 ވަނަ އަހަރު ތައާރަފްކުރި އެވޯޑެކެވެ. މި އެވޯޑަށް ވާދަކުރާ ކުޅުންތެރިންނަށް ވޯޓު ދެނީ ޔޫރަޕްގެ މަޝްހޫރު ބައެއް ގައުމުތަކުގެ ނޫސްވެރިންނެވެ. މިގޮތުން މި އެވޯޑަށް ވޯޓުދޭ ނޫސްވެރިން ނިސްބަތްވާ ގައުމުތަކުގެ ތެރޭގައި ޖަރުމަނު، ސްވިޒަލެންޑް، ޕޯޗުގަލް، ފްރާންސް، ސްޕެއިން، ގްރީސް، ރަޝިއާ، ނެދަލެންޑްސް އަދި ޔުނައިޓެޑް ކިންގްޑޮމް ހިމެނެ އެވެ. ކޮންމެ ނޫސްވެރިއަކު ވެސް ފަސް ކުޅުންތެރިއަކު ހޮވާއިރު ވަކި ތަރުތީބަކުން ކުޅުންތެރިންނަށް ވޯޓު ދޭނެ އެވެ. މިފަހަރުގެ އެވޯޑުގައި 40 ކުޅިވަރު ނޫސްވެރިން ވަނީ ވޯޓުދީފަ އެވެ.

މި އަހަރުގެ އެވޯޑް ހޯދި ޕެޑްރީ އަކީ މިވަގުތު ޔޫރަޕްގައި ހުރި އެންމެ މޮޅު ޒުވާން އެއް ކުޅުންތެރިޔާ އެވެ. 2019 އިން 2020 ވަނަ އަހަރާއި ހަމައަށް ސްޕެއިންގެ ލަސް ޕަލްމަސްއަށް 36 މެޗު ކުޅެދީ ހަތަރު ލަނޑު ޖަހާފައިވާ ޕެޑްރީ ބާސެލޯނާއަށް ބަދަލުވީ ނިމިގެން ދިޔަ އަހަރުގެ ޖުލައި މަހުގައި ފަސް މިލިއަން ޕައުންޑުގެ ފީއަކަށެވެ.

ބާސެލޯނާއަށް ބަދަލުވުމަށް ފަހު ޕެޑްރީ ވަނީ މިހާތަނަށް 39 މެޗު ކުޅެދީ ތިން ގޯލު ޖަހައިފަ އެވެ. ޕެޑްރީ އަށް 318 ޕޮއިންޓް ލިބުނުއިރު 199 ޕޮއިންޓާއެކު ދެ ވަނަ ލިބުނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ އުމުރުން 18 އަހަރުގެ އިންގްލެންޑުގެ ފޯވާޑް ޖޫޑް ބެލިންގަމް އަށެވެ.

“އަހަރެން މިހުރީ  ވަރަށް ފަހުރުވެރިވެފަ. މިއީ ބާސެލޯނާއަށް ނިސްބަތްވާ ކުޅުންތެރިއަކު މި އެވޯޑް ހޯދި ތިން ވަނަ ފަހަރު. އެހެންވެ އެއީ އަހަރެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް” އެވޯޑަށް ފަހު މީޑިއާއާ ވާހަކަދައްކަމުން ޕެޑްރީ ބުންޏެވެ.

ލަސް ޕަލްމަސް އާއި ބާސެލޯނާ ތަމްސީލުކޮށް ޕެޑްރީ މި އެވޯޑް ހޯދިއިރު 2006 ވަނަ އަހަރު އާސެނަލްގައި ހުރެ ސެސް ފެބްރިގާސް ވަނީ މި އެވޯޑް ހާސިލްކޮށްފަ އެވެ. އަދި 2012 ވަނަ އަހަރު މަލާގާއަށް ކުޅެ އިސްކޯ ވެސް ވަނީ މި އެވޯޑް ހޯދާފައެވެ.

މިދިޔަ އަހަރު މި އެވޯޑް ހޯދީ މިހާރު ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅޭ ނޯވޭގެ ޒުވާން ފޯވާޑް އާލަން ހާލަންޑް އެވެ.

2003 ވަނަ އަހަރު ތައާރަފްކުރި މި އެވޯޑް އެންމެ ފުރަތަމަ ލިބުނީ ނެދަލެންޑްސްގެ ކުރީގެ މިޑްފީލްޑަރު ރަފައެލް ވެން ޑަ ވާޓް އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް