އަމީންގެ މައްޗަށް އުފުލި ޓެރެރިޒަމްގެ ދައުވާ އިތުރަށް އެނަލައިޒް ކުރަން އެފްބީއައި އަށް ހުށަހަޅައިފި

ޏ. ފުވައްމުލައް، މާދަނޑު، ކަރިއްޔާވިލާ، މުހައްމަދު އަމީނުގެ މައްޗަށް އުފުލި ޓެރެރިޒަމްގެ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހަޅާ ހެކިތައް އިތުރަށް އެނަލައިޒްކުރުމަށް ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝ...

22 Nov 2021 | 13:30

ޏ. ފުވައްމުލައް، މާދަނޑު، ކަރިއްޔާވިލާ، މުހައްމަދު އަމީނުގެ މައްޗަށް އުފުލި ޓެރެރިޒަމްގެ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހަޅާ ހެކިތައް އިތުރަށް އެނަލައިޒްކުރުމަށް ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އަށް ހުށަހަޅައިފި އެވެ.

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ބުނާ އަމީންގެ މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ކުރިއަށް ދިޔައީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ދެ ހެކިވެރިއެއްގެ ހެކި ބަސް ނެގުމެވެ.

މިއަދު ހެކިބަސް ނަގާފައިވަނީ އަމީންގެ ލެޕްޓޮޕައި ފޯނުތައް އެނެލައިޒްކޮށް ރިޕޯޓްތައް ތައްޔާރު ކުރި ދެ ފުލުސް އޮފިސަރުންގެ އެވެ.

އަމީންގެ ލެޕްޓޮޕުން ފެނުނު 8 ވީޑިއޯއެއް، ދައުލަތުން   ކޯޓުގައި ދައްކާފައިވާ އިރު، މީގެ ތެރޭގައި ދިވެހި ބަހުން އަޑު އަޅާފައިވާ އައިއެސްގެ ވީޑިއޯއެއް ވެސް ހިމެނެ އެވެ. އަދި މި ވީޑިއޯތަކުން ފެންނަނީ ހަނގުރާމައިގެ މައިދާނާއި އެތަނުގައި މީހުންނަށް ލިބެމުންދާ އަނިޔާތަކާއި ބޭރުގެ ހަނގުރާމަވެރި ސިފައިންގެ މީހުން ނެވެ.

އިނގިރޭސި ބަހުން ސަބްޓައިޓްލް އަރާ، އަރަބި ބަހުން ހުރި ވީޑިއޯތަކަކީ ހަނގުރާމައަށް ދިއުމަށް މީހުންނަށް ބާރުއަޅާފަދަ ވީޑިއޯތަކެކެވެ.

ހެކިބަސް ނެގުމަށްފަހު ދައުލަތުގެ ވަކީލް އަހްމަދު ނިޝާން ވިދާޅުވީ އެމެރިކާގެ އެފްބީއައިއަށް އިތުރު ހެކިތަކެއް ވެސް ފޮނުވާފައި ވާނެ ކަމަށާއި އެ ހެކިތައް އެނަލައިސް ކުރުމަށްފަހު، ލިބޭ ރިޕޯޓްތައް ޝަރީއަތަށް ހުށަހަޅާނެކަމަށެވެ.

އަމީންއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު މީހެކެވެ.

އެ މައްސަލާގައި ހައްޔަރު ކުރަން އުޅުމުން އޭނާ ފިލައިގެން ލަންކާއަށް ގޮސްފައިވާ އިރު، އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެ، ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ދޫކޮށްލި އެވެ.

އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް ހިމަނާފައިވާ މީހެކެވެ. އަދި މިއީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެހި ފަރާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް