ތުރުކީވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރަކީބޭ ޑެމެޓް ސާކަރޗިއޮގްލޫ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފި އެވެ.
މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ތުރުކީވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އެކަމަނާ ސަފީރުކަމާއި ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފަ އެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިޔަފާރިއާއި ސަލާމަތީ ކަންކަމާއި، ކައުންޓަރ ޓެރަރިޒަމާއި، ތަޢުލީމާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުންފަދަ ކަންކަމާ ގުޅޭގޮތުން ތުރުކީގެ ސަފީރާއެކު މަޝްވަރާކުރައްވާފަ އެވެ.
ރާއްޖެއާ ތުރުކީވިލާތާ ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1979 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުގަ އެވެ. އަދި މި އަހަރަކީ މި ދެ ޤައުމު ސިޔާސީ ގުޅުން ޤާއިމުކުރިތާ 42 އަހަރު ފުރޭ އަހަރެވެ. މި ދެ ޤައުމުގެ ގާތްގުޅުން ދެމެހެއްޓުމަށް ރާއްޖެއިން ވަރަށް ބޮޑު އަހުމިއްޔަތުކަމެއްދޭކަން ފާހަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތުރުކީ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ތުރުކީގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި، ތުރުކީގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ދައުވަތު ދެއްވާފަ އެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވި އެވެ.
މިބައްދަލުކުރެއްވުމުގައި ތުރުކީ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މިހާރު ޙަރަކާތްތެރިވާ ތުރުކީގެ ކުންފުނިތަކަށް ކުރިމަތިވާ ދަތިތައް ޙައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ހަރުކަށި ފިކުރާއި، ޓެރަރިޒަމްގެ ޢަމަލުތައް އިތުރުވަމުންދާ ދިއުމަކީ ކަންބޮޑުވާ މައްސަލައެއްކަން ފާހަގަކުރައްވައި މި މައްސަލަތައް ހައްލުކުރުމުގައި މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢު ގުޅިގެން މަސައްކަތްކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ޓެރަރިޒަމާއި، ކަނޑުފޭރުމާއި، ރޭވިގެން ހިންގާ ޖަރީމާތައް ހުއްޓުވުމުގައި ތުރުކީއާއި އެކުވެރި އެހެން ޤައުމުތަކާއެކު ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި އެވެ.
ތުރުކީވިލާތުގެ ސަފީރުވެސް ވަނީ މި ދާއިރާއިން ގުޅިގެން މަސައްކަތްކުރަމުން ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ތުރުކީގެ ތަޢުލީމާގުޅޭ މުއައްސަސާތައް މެދުވެރިކޮށް ދިވެހިންނަށް ތަމްރީނާއި މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޑިޕްލޮމެޓުންނާއި ސަރުކާރުގެ އިސް ބޭފުޅުން ތަމްރީނު ކުރެއްވުމުގައި ތުރުކީ ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި ތުރުކީވިލާތުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ އައު ސަފީރުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ކުރިއަރައިދިއުމަށް އެދިވަޑައިގަންނަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް