ރާއްޖެއިން އެންމެ އިސްކަންދޭ އެއްކަމަކީ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ރަނގަޅުކުރުން ކަަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސެނަގަލް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އަބްދުލް ވަހާބް ހައިދަރާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސެނަގަލްއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފަ އެވެ.
ސެނަގަލްއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ވަނީ ސަފީރުކަމުގެ މަޤާމާއި ހަވާލުވުމުން އުފާކުރައްވާކަމުގައި ވިދާޅުވެ، ސެނެގާލްގެ ރައީސް މެކީ ސާލްގެ ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާއަށް އަރިސްކުރައްވާފަ އެވެ.
މީގެ އިތުރުން ސަފީރު ވަނީ ރާއްޖެއިން އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ކާމިޔާބުކުރުމުން ދިވެހި ސަރުކާރަށް ތަހުނިޔާ ވިދާޅުވެފަ އެވެ.
ރާއްޖެއިން އެންމެ އިސްކަންދޭ އެއްކަމަކީ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ރަނގަޅުކޮށް، ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުންކަން ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ކޯވިޑް-19 ގެ ކަންކަން މެނޭޖްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ކުޅިވަރާއި ފަތުރުވެރިކަމާއި ސަޤާފަތް ފަދަ ދެ ޤައުމުން ޝައުޤުވެރިވާ މައުޟޫޢުތަކުގައި މަޝްވަރާކުރައްވާފަ އެވެ.
ސެނަގަލްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ފަތުރުވެރިކަމާއި ސަޤާފަތް ކުރިއެރުމުގެ ދާއިރާއިން ރާއްޖޭގެ ތަޖުރިބާ އެ ޤައުމަށް މުހިންމުކަމުގައި ވިދާޅުވި އެވެ.
މީގެ އިތުރުން ދެ ބޭފުޅުން ވަނީ ކައުންޓަރ ޓެރަރިޒަމް އަދި އިންސާނީ ޙައްޤުތަކާ ގުޅޭ ދާއިރާއިން ދެ ޤައުމުން އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް