އަމިއްލަ ކުންފުންޏަކަށް 42 މިލިއަން ރުފިޔާ ދައްކަން ނުޖެހި، އެމްޕީއެލް ސަލާމަތްވެއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަމިއްލަ ކުންފުންޏަކަށް 42 މިލިއަން ރުފިޔާ ދައްކަން ނުޖެހި، އެމްޕީއެލް ސަލާމަތްވެއްޖެ އެވެ. ޓަގު ބޯޓެއް ބަންނަން ސެންޓަރ އެންޓަރ ޕްރައިސަސްއާ ހަވާލުކޮށްގެނ...

22 Nov 2021 | 10:15

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަމިއްލަ ކުންފުންޏަކަށް 42 މިލިއަން ރުފިޔާ ދައްކަން ނުޖެހި، އެމްޕީއެލް ސަލާމަތްވެއްޖެ އެވެ.

ޓަގު ބޯޓެއް ބަންނަން ސެންޓަރ އެންޓަރ ޕްރައިސަސްއާ ހަވާލުކޮށްގެން ޓަގު ބޯޓެއް ބަންނަން އެމްޕީއެލްއިން 2008 ވަނަ އަހަރު ހަވާލުކޮށްފައި ވަނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުމަކަށް އެ މަސައްކަތް ހުއްޓާލުމުން މަަސައްކަތް ހުއްޓިފައި އޮތް މުއްދަތުގައި ބޯޓު ބެލެހެއްޓުމަށް ހިނގި ޚަރަދުގެ ގޮތުގައި 42 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް 2017 ވަނަ ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އެ ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވަނިކޮށް އެ މައްސަލަ އެމްޕީއެލްގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ބޯޓު ބަނުމުގެ މަސައްކަތް ހަވާލުކުރީ ސެންޓަރ އެންޓަރ ޕްރައިސަސްއާ ކަމަށްވާތީ މަސައްކަތް ހިނގާ މުއްދަތުގައި ބޯޓު ބެލެހެއްޓުމަކީ އެ ކުންފުނީގެ އަމިއްލަ ޒިންމާއެއް ކަމަށެވެ.

މީގެ އިތުރުން ބޯޓުގެ މަސައްކަތް ނުނިމެނީސް، އެ ބޯޓު ބެލެހެއްޓުމުގެ ޒިންމާ އެމްޕީއެލްއިން އުފުލަން ނުޖެހޭނެ ކަމަށް އެ ހުކުމުގައި ބުނެފައި ވެއެވެ. އެހެންވެ، ބޯޓު ބެލެހެއްޓުމުގެ ޚަރަދަށް އެމްޕީއެލްއިން ޒިންމާވާން ނުޖެހޭނެ ކަމަށް އެ ހުކުމުގައި ވެއެވެ.

ހުކުމުގައިވަނީ ބޯޓު ބެލެހެއްޓުމުގެ ޚަރަދަށް ޒިންމާވާނެ ކަމަށް ބުނެ އެމްޕީއެލްގެ ފަރާތުން އެއްބަސްވެފައިވާ ކަން އެނގެން ނެތް ކަމަށާއި އެމްޕީއެލްގެ މުވައްޒަފަކު ފޮނުވާފައި އޮތް ސިޓީއަކަށް އެކަނި ބިނާކޮށް، އެކަމަށް އެމްޕީއެލް ޒިންމާ ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ބޯޓު ބެލެހެއްޓުމުގެ އަގުގެ ގޮތުގައި ހޯދަން އެދުނު އަދަދަކީ ބޯޓުގެ އަސްލު އަގަށް ވުރެ މާ ބޮޑު އަދަދެއް ކަމަށާއި އެއީ ކިހިނެއް ހިނގި ޚަރަދެއް ކަން އެނގެން ނެތް ކަަމަށް ވެސް ހުކުމުގައި ބުނެފައި ވެއެވެ.

އެކަންކަން ފާހަގަކޮށް، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވަނީ ސިވިލް ކޯޓާއި ހައި ކޯޓުން ވެސް މައްސަލަ ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށްވާތީ އެ ހުކުމްތައް ބާތިލްކުރާ ކަމަށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް