މަސްވެރިންގެ ދުވަހުގެ ކެރިއަރ ގައިޑެންސް ޕްރޮގްރާމްގައި 330 ދަރިވަރުން ބައިވެރިވެއްޖެ

މަސްވެރިންގެ ދުވަހުގެ ކެރިއަރ ގައިޑެންސް ޕްރޮގްރާމްގައި 330 ދަރިވަރުން ބައިވެރިވެއްޖެ އެެވެ. ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ބުނީ މިއީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ...

22 Nov 2021 | 06:00

މަސްވެރިންގެ ދުވަހުގެ ކެރިއަރ ގައިޑެންސް ޕްރޮގްރާމްގައި 330 ދަރިވަރުން ބައިވެރިވެއްޖެ އެެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ބުނީ މިއީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކެރިއާ ގައިޑެންސް ޕްރޮގްރާމެއް ކަމަށެވެ.

އެ މިނިސްޓްރީން އިންތިޒާމު ކޮށްގެން "ލޯންޗް ޔުއަރ ކެރިއަރ އެޓް ފިޝަރީޒް އެންޑް މެރިން ރިސޯސަސް"ގެ ނަމުގައި 20 ނޮވެމްބަރު ގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މާލޭގެ ސާނަވީ ސްކޫލުތަކުގެ ތެރެއިން 11 ސްކޫލަކުން ބައިވެރިވެފައި ވެއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ މަސްވެރިކަމުގެ ދާއިރާއާއިމެދު ދަރިވަރުން ދެކޭގޮތް ބަދަލުކުރުމާއި މަސްވެރިކަމުގެ ދާއިރާ އަކީ ވެސް ކިޔެވުން ނިންމާލުމަށްފަހު ކުރިއަށް ދިއުމަށް ފަހި ފުރުސަތުތަކެއް ހުރި ދާއިރާއެއްކަން އަންގާދިނުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި ސާނަވީ ސްކޫލްތަކުގެ ގުރޭޑް އަށެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މަސްވެރިކަމުގެ ދާއިރާއިން މަތީތައުލީމު އުނގެނުމަށް ހުރި ފުރުސަތުތަކާއި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މިގޮތުން މިފްކޯ އަދި އެންސިސް ފިޝަރީޒްގެ ފަރާތުން އެ ކުންފުނިތަކުގައި ހުރި އިންޓަރންޝިޕްގެ ފުރުސަތުތައް ދަރިވަރުންނަށް ބުނެދީފައި ވެއެވެ. އަދި ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް މަތީތައުލީމު އުގެނުމުގެ ފުރުސަތުތައް ވެސް ކުންފުނީގެ ފަރާތުން ހަމަޖައްސައިދީގެން ކުރިއަށް ގެންދާ ކަމަށް ބުނެދީފައިވެ އެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ހިއުމަން ރިސޯސަސްގެ ދާއިރާ، އެކައުންޓިންގ އެންޑް ފައިނޭންސިންގ ދާއިރާ، އިންޖިނިއަރިންގ ދާއިރާ، ޑައިވިންގ، ތިމާވެށީގެ ދާއިރާ އަދި މިނޫން ދާއިރާތަކުން ވެސް މަތީ ތަޢުލީމު އުނގެނިގެން ވެސް މަސައްކަތް ކުރެވޭނެ ކަން މި ޕްރޮގްރާމްގައިި ދަރިވަރުންނަށް ވަނީ ބުނެދީފަ އެވެ.

މިޕްރޮގްރާމްގައި ދަރިވަރުންނަށް މައޫލޫމާތު ދީފައިވަނީ އެންސިސް ފިޝަރީޒް އަދި މިފްކޯގެ ފަރާތުން ނެވެ. އަދި މިފްރޮގްރާމްގައި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓްޓިއުޓްގެ ފަރާތުން ވެސް މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މައުލޫމާތުތަކެއް ހިއްސާކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް