ނިޒާމުގެތެރެއިން ޖަވާބުދާރީވާން ތައްޔާރު، ކުޅިކުޅިވަރު ކުޅޭކަށް ފުރުޞަތެއް ނުދޭނަން: އަލީ ވަހީދު

ނިޒާމުގެތެރެއިން ޖަވާބުދާރީވާން ތައްޔާރަށް ހުންނެވި ކަމަށާއި ކުޅިކުޅިވަރު ކުޅޭކަށް ފުރުޞަތެއް ނުދެއްވާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ޖިންސީ ގޯނ...

22 Nov 2021 | 05:51

ނިޒާމުގެތެރެއިން ޖަވާބުދާރީވާން ތައްޔާރަށް ހުންނެވި ކަމަށާއި ކުޅިކުޅިވަރު ކުޅޭކަށް ފުރުޞަތެއް ނުދެއްވާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ޖިންސީ ގޯނާގެ ތުހުމަތުކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ރާއްޖެ ގެނައުމަށް އިންޓަރޕޯލް ރެޑް ނޯޓިސް ނެރުނަސް އޭނާ ގެނެވޭނެ ގޮތެއް ނެތްކަމަށް ކޮމިޝަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވުމުން އެކަމަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

އަލީ ވަހީދުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ އިނގިރޭސިވިލާތުގެ ކޯޓުތައް ހުރީ ހުޅުވިފައި ކަަމަށާއި ރައީސް އޮފީހުން ގުޅާލާފަ، ޖޭ.އެސް.އީ.އިން ގަޅުވާލާފަ މިތަނުގައި ފަނޑިޔާރުގެއަކާ ނުކުޅެވޭނެ ކަމަށެވެ.

"އިނގިރޭސިވިލާތުގެ ކޯޓުތައް ހުރީ ހުޅުވިފަ. ރައީސް އޮފީހުން ގުޅާލާފަ، ޖޭ.އެސް.އީ.އިން ގަޅުވާލާފަ މިތަނުގައި ފަނޑިޔާރުގެއަކާ ނުކުޅެވޭނެ. އަވަހަށް ވަޑައިގަންނަވާ. އަޅުގަނޑު މިހުރީ ނިޒާމުގެތެރެއިން ޖަވާބުދާރީވާން ތައްޔާރަށް. ކުޅިކުޅިވަރު ކުޅޭކަށް ފުރުޞަތެއް ނުދޭނަން. އެނބުރިއަންނާނަން." އަލީގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

އޭނާގެ އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ޢަލީ ވަޙީދު ރާއްޖެ ގެންދެވޭނެ" ކަމަށާއި "ސައްޙަ ތަޙުޤީޤާ ސައްޙަ ދަޢުވާ ކުރީމަ ކޮންމެ ޤައުމަކުންވެސް އެކަން ބަލާނެ." ކަމަށެވެ.

ނަމަވެސް، ފްރޭމްކޮށް، ކުރެވޭ ތުޙުމަތެއް، ކުރި ކުށެއް ކޯޓުގައިވެސް ޕީޖީއަށް ބުނެނުދެވެންޏާ ދުނިޔޭގެ ސިސްޓަމް ތަކުގައި ބޭނުންހާ އެއްޗެއް ނުހެދޭނެ ކަމަށާއި އިރާދަފުޅުން އިންސާފު ހޯދާނަން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

https://twitter.com/ali20waheed/status/1462468700158808065

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވިދާޅުވެފައިވަނީ އަލީ ވަހީދުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލާގައި އޭނާގެ މައްޗަށް މިހާރު ކޮށްފައިވާ ދަޢުވާތަކުގެ ޝަރީޢަތަށް އޭނާ ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ ޢުމުރު ތަންފީޒްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް ޢަލީ ވަހީދު ރާއްޖެ ގެނެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.

އިންޓަޕޯލުގެ ރެޑް ނޯޓިސްތަކަކީ އެކި ޖުރިސްޑިކްޝަންތަކުގައި އެކި ޤައުމުގައި އެކިގޮތްގޮތަށް އެއަށް އަމަލުކުރާ އެއްޗެއް ކަމަށާއި، އެހެންކަމުން އިންޓަޕޯލު ރެޑް ނޯޓިސް ނެރުނަސް ކޮންމެ މައްސަލައެއްގައި ހިމެނޭ ކޮންމެ މީހަކު ހައްޔަރުކޮށްގެން ރާއްޖޭގެ ޖުރިސްޑިކްޝަންގެ ތެރެއަށް ނުގެނެވޭނެކަމަށް ސީޕީ ވަނީ ވިދާޅުވެފަ އެވެ.

އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގަތީ، އޭނާގެ މައްޗަށް ޖިންސީ ގޯނާގެ 7 ދަޢުވާއެއް ކްރިމިނަލް ކޯޓުގައި އުފުލާފައިވަނިކޮށެވެ. އަދި އޭނާގެ މައްޗަށް ކުރި ދައުވާތަކުގެ އަޑުއެހުންތައް ކޯޓުތަކުގައި ފަށާފައިވަނިކޮށް އިނގިރޭސިވިލާތުގައި ހުންނަވައިގެން އަލީ ވަހީދު ގެންދަވަނީ ޕްރޮސިކިއުޓަރ ޖެނަރަލާއި، ސަރުކާރުގެ އިސްވެރިންނަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުން ނެވެ.

އަލީ ވަހީދުގެ ޝަރީއަތަށް އޭނާ ހާޒިރުނުވުމުން ސްޕްރީމް ކޯޓުގައި ޝަރީއަތްތައް ވަނީ ކުރިއަށް ނުގެންދެވިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް