ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގެ ލެބޯޓަރީގެ ޚިދުމަތް މިއަދު އިފްތިތާޙް ކޮށްފި އެވެ.
މިއަދު ހެނދުނު ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒު ގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި ޚިދުމަތް އިފްތިތާޙް ކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަޙްމަދު އާދިލް އެވެ.
މިޚިދުމަތާއެކު އާންމުކޮށް ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް ރަށުން ބޭރަށް ކުރަން ޖެހޭ ދަތުރުތައް ގާތްގަނޑަކަށް ހުއްޓުމަކަށް އަންނާނެ އެވެ.
އެ ލެބޯޓަރީގައި މިވަގުތު ހެދެން ހުރި ޓެސްޓުތަކުގެ ތެރޭގައި ލޭގެ 11 ޓެސްޓް، ހަކުރު ބަލީގެ 3 ޓެސްޓް، ކިޑްނީގެ ތަޙްލީލުގެ 4 ޓެސްޓް، ޗިސްމޭ ތަޙްލީލުގެ 6 ޓެސްޓް، ހިތުގެ ތަޙްލީލުގެ 4 ޓެސްޓް، ކަށީގެ ތަޙްލީލުގެ 1 ޓެސްޓު ހިމެނެ އެވެ. އަދި އިލެކްޓްރޯލައިޓްގެ މިންވަރު ދެނެގަންނަ ތަޙްލީލުގެ 4 ޓެސްޓް، ކުޑަކަމުދާ ތަކެތީގެ ތަޙްލީލުގެ 11 ޓެސްޓް، ބޮޑުކަމުދާ ތަކެތީގެ ތަޙްލީލުގެ 3 ޓެސްޓް، ދިފާއީ ނިޒާމު އަދި ލޭގައި ހިމެނޭ ސިރަމްގެ 8 ޓެސްޓު ވެސް ހިމެނެ އެވެ.
މީގެ އުތުރުން ޕްރެގްނެންސީ 2 ޓެސްޓް ހިމެނޭ ގޮތަށް 57 ޓެސްޓެއް ހެދޭ އިރު، މި ފެށޭ ޑިސެންބަރު މަހުގެ ތެރޭގައި ލިޕިޑް ޕްރޮފައިލް ޓެސްޓުގެ ޚިދުމަތް ވެސް ފެށިގެންދާނެ އެވެ.
މިއަދު ބޭއްވުނު ހަފްލާ ޝަރަފުވެރިކޮށްދެއްވާ، ޚާޒިރީންނާއި މުޚާތަބު ކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ސަރުކާޒުގެ ވިސްނުމަކީ ޒަމާނުއްސުރެ މާލެއަށް ބަރޯސާވެފައިވާ ޞިއްޙީ ޚިދުމަތް ސަރަހައްދީ ފެންވަރެއްގައި ތަރައްޤީކޮށް ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުން ކަމަށެވެ.
މިގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝިއަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްޤީ ކުރެވިގެންދާ މަންޒަރަކީ މިކަމުގެ ހެއްކެއް ކަމުގައި ވިދާޅުވި އެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، މިފަދަ ޚިދުމަތެއް ފެށުމުން ރައްޔިތުންނަށް ލިބިގެންދާނެ ފަސޭހަ ފާހަގަކުރައްވާ، ކުރިޔަށް އޮތްތާ މި ހިދުމަތް ފުޅާކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވި އެވެ.
ކޮވިޑުގެ ދަތި އިޤްތިޞާދީ ޙާލަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އެ މަނިކުފާނުގެ ޙިކްމަތު ޢަމަލީ ބޭނުންކުރައްވާ ޤައުމު އާރާސްތު ކުރުމުން މި ދާއިރާއަށް ކުރެއްވި ހޭދަ އަކީ ތަޢުރީފް ޙައްޤު މަސައްކަތެއްކަން ފާހަގަކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީ.އީ.އޯ އަޙްމަދު ދާއޫދު ވަނީ މި ޚިދުމަތް މިއަދު ފެށުމުގައި ހިއްސާވާ ފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ. އަދި މި ޚިދުމަތުގެ ސަބަބުން ނޮޅިވަރަންފަރު ރައްޔިތުންގެ ޖީބަށް ލުއިވެ، ދަތުރު ކުރުމުގައި ކުރިމަތިވާ ތަކްލީފްތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ހޮސްޕިޓަލެއްގައި ނުވަތަ ޞިއްޙީ މަރުކަޒެއްގައި ވެސް ފަރުވާ ދިނުމުގައި އެންމެ މުހިންމު އެއްކަމަކީ، ބަލިވެގެން ނުވަތަ
އެނޫން ޚިދުމަތެއް ހޯދަން އަންނަ ފަރާތެއްކަމުގައި ވިޔަސް، އޯގާތެރި ހިތްހެޔޮ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި ރައްޔިތުންގެ
ޝަކުވާތައް އަޑުއަހާ އެއިން ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރުމަށް ޚިދުމަތްތެރީންނަށް އިލްތިމާސް ކުރެއްވި އެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ރާއްޖޭގެ ޞިއްޙީ ނިޒާމަކީ ރައްޔިތުންނާއި ގާތުން ޚިދުމަތްދެވޭ
ލާމަރުކަޒީ ނިޒާމެއްގެ ގޮތުގައި ބައްޓަންކުރަން ކުރައްވާ މަސައްކަތަށް ޝުކުރު ދެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް