ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މި ދޭތެރެއަކުން ދައްވި ނަމަވެސް ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު މިހާރު އަންނަނީ އަނެއްކާވެސް މަތިވަމުންނެވެ. ހަމަ އެގޮތަށް މި ބަލި ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރާ ނިސްބަތް ވެސް އަންނަނީ އިތުރު ވަމުންނެވެ.
އެގޮތުން ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން އެޑްމިޓް ކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު މިހާރު ވަނީ 86 އަށް އަރާފައެވެ. މިއީ މިއަދަދު އިތުރުވަމުން އަންނަތާ އަށްވަނަ ދުވަހެވެ. މި އަދަދު މިމަހުގެ15 އާއި ހަމައަށް ހުރީ 47 ގައެވެ. މިއީ ވޭތުވެ ދިޔަ ހަ ދުވަސްތެރޭގައި29 މީހުންގެ އިތުރު ވުމެކެވެ.
މިއަދަކީ ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހަށް ފަހު ރާއްޖޭގައި އެޑްމިޓް ކޮށްގެން ފަރުވާދޭ ކޮވިޑް-19 ބަލި މީހުންގެ އަދަދު އެންމެ ގިނަވި ދުވަހެވެ.
މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ 86 މީހުންގެ ތެރެއިން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 81 މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ތިން މީހަކާއި ލ.ގަމުގައި ހުންނަ މެޑިކަލް ފެސިލިޓީގައި ދެ މީހަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު މި ބަލި ޖެހިގެން ރާއްޖެ އިން މިހާތަނަށް ނިޔާވި މީހުންގެ އަދަދުވެސް ވަނީ 46 އަށް އަރާފައެވެ. އެގޮތުން މި މަހުގެ މިހާތަނަށް ދިޔައިރު، މި މަހުގައި އެކަނިވެސް 08 މީހުން ވަނީ ނިޔާވެފައެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 12,608 އެވެ. އަދި މި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 11،599އެވެ. މިވަގުތު މި ބަލި ޖެހިފައިތިބި މީހުންގެ އަދަދަކީ 956އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް