ގުއާޓަމާލާގައި ކުރަމުންދާ މުޒާހަރައިގާ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި އެވެ.
އެގައުމުގެ ކޮންގްރެސްއިން ފާސް ކުރި ބަޖެޓާ ގުޅިގެން، ސަރުކާރާ ދެކޮޅަށް އެގައުމުގައި މުޒާހަރާތައް ފެށީ މިދިޔަ ބުދަ ދުވަހު އެވެ.
އޮފިޝަލުންނާ ޙަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި މުޒާހަރާގެ ބައިވެރިން ކޮންގްރެސް އިމާރާތަށް ވަނީ އެ އިމާރާތުގައި އެއްވެސް މީހަކު ނެތް ގަޑިއެއްގަ އެވެ. އަދި ކުޑަދޮރުތައް ތަޅާ، ފޮޓޯތައް ވީދާ، ފަރުނީޗަރުގައި ރޯކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ގާތްގަޑަކަށް ދިހަވަރަކަށް މިނިޓަށް ދެމިގެން ދިޔަ އެ ގެއްލުންތަކަށް ފަހު، ރަޔަޓު ފުލުހުން ވަދެ އެމީހުން ނެރުނު އިރު، އޭގެ ފަހުން ފަޔަރ ފައިޓަރުން ގޮސް ވަނީ އަލިފާން ނިއްވާލާފަ އެވެ.
ގުއާޓަމާލާއިން ފާސް ކުރި ބަޖެޓުގައި ކޮންގްރެސް މެމްބަރުންގެ ކޮއްތަށް ޚަރަދު ކުރާ މިންވަރު އިތުރުކޮށް، އެގައުމުގެ އިންސާނީ ހައްގުތަކާ ބެހޭ ޕްރޮގްރާމްތަކާއި ޖުޑިޝަރީއަށް ޚަރަދު ކުރާ މިންވަރު މަދުކޮށްފައިވާތީ، އެގައުމުގެ ރައްޔިތުން އަންނަނީ ނުރުހުން ފާޅުކުރަމުން ނެވެ. އަދި ގައުމުގެ ރައްޔިތުންނަށް ފައިދާ ހުރި ކާނާ ފޯރުކޮށްދިނުމަށް ޚާއްސަކޮށްފައިވާ 25 މިލިއަން ޑޮލަރުގެ ފަންޑު ވެސް ވަނީ އުވާލާފަ އެވެ.
އެކަމަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒު ކުރަން ފެށުމުން އެހެންކަމުން އެ ފަންޑު އަލުން ވަނީ ގާއިމުކޮށްފަ އެވެ.
އެ މުޒާހަރާތަކުގެ ބައިވެރިން ގޮވަމުން ދަނީ އެ ބަޖެޓު ވީޓޯ ކުރުމަށާއި ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމަށާއި ރައީސާއި ކޮންގްރެސްގެ މެމްބަރުން އިސްތިއުފާ ދެއްވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް