ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
މިއަދު މެންދުރު ފަހު 2:09 ގައި މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހެކެވެ. މަރުވީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއީ ރާއްޖެއިން މި ބަލީގައި މަރުވި 46 ވަނަ މީހާ އެވެ. އަދި ކޯވިޑް ޖެހިގެން މަރުވި 39 ދިވެއްސެވެ.
މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޯވިޑް ޖެހިގެން އަށް މީހުން މަރުވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެންނަކީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނެވެ.
މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ކޯވިޑަށް 82 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އެޗްއީއޯސީން ބުނީ ކޯވިޑްގަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ގިނަ ވާނަމަ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ.
މިވަގުތު ރާއްޖޭގައި ކޯވިޑަށް ފަރުވާ ދެމުން ދަނީ 967 މީހުންނަށެވެ. އޭގެ ތެރެއިން އައިިސޮލޭޝަން ފެސިލިޓީތަކުގައި 341 މީހުން އެބަތިއްބެވެ.
ރާއްޖެއިން އިއްޔެގެ ނިޔަލަށް ކޯވިޑް ޖެހިފައިވަނީ 12،578 މީހުންނަށެވެ. އޭގެ ތެރެއިން 11،559 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް