ޖުވެނައިލް ކޯޓުގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފް މަގާމުން ވަކި ކުރަން ހުށަޙަލަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފި އެވެ.
އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން މަޖިލީހަށް ހުށަހެޅީ މިދިޔަ ހަފްތާގައި އެވެ. ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ގާޒީ ބާރީ މަގާމުން ވަކި ކުރުމަށް ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
ގާޒީ ބާރީއާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވާ މައްސަލަތަކުގެ ތެރޭގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން އޭނާ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ ހިމެނެ އެވެ. އަދި މެއި 2014 އިން ފެބްރުއަރީ 2018 އަށް ގާޒީ ބާރީ އަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި، އެ މުއްދަތުގައި ޖޭއެސްސީއަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، މިވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނެ ތަހުގީގުކޮށްފައިވާ މައްސަލައެވެ.
ގާޒީ ބާރީ އާއި ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން މިހާރުވެސް ހުންނަނީ ސަސްޕެންޝަންގައި އެވެ. ގާޒީ ބާރީ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމް އިިއްވެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނަވާ ބޭފުޅެކެވެ.
މިއަދުގެ ޖުޑީޝަރީ ކޮމިޓީގައި ވަނީ ދ. އަތޮޅު ޖޫޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ފަނޑިޔާރު ކަމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމާފައި އެވެ. އޭނާ އާއި ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވަނީ ސުލޫކީ މައްސަލަ އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް