ސަލްމާން މިސްކިތް ސަރަހައްދުގެ ޕާކިން ޒޯން ކުއްޔަށް ހިފަން އެދުމުގެ ފުރުސަތު ހުޅުވާލައިފި

ސަލްމާން މިސްކިތުގެ އުތުރު ފަރާތުގައިވާ ޕާކިން ޒޯނަށް ފީދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ. މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެ...

22 Nov 2020 | 09:42

ސަލްމާން މިސްކިތުގެ އުތުރު ފަރާތުގައިވާ ޕާކިން ޒޯނަށް ފީދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ މިއަދުން ފެށިގެން އެ ތަނުގައި ކުލި ދައްކައިގެން ޕާކު ކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. އެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވަނީ 57 ސްލޮޓެވެ.

އެ ކައުންސިލުން މައުލޫމާތު ދޭގޮތުގައި މިޒޯނުން ޖާގަ ދެވޭނީ ކާރަށާއި 350 ކިލޯއަށް ވުރެ މަތިނޫން ޕިކަޕަށެވެ. އެ ސަރަހައްދުން ޕާކިން ސްލޮޓެއް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު 3،000 ރުފިޔާ އަަށެވެ.

ޖާގަ ދޫކުރަމުން ދަނީ މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓް www.malecity.gov.mv ގައިވާ "ޕާކިން" ޕޯޓަލް މެދުވެރިކޮށެވެ. ކައުންސިލުން ބުނީ އެތަނުގެ ޖާގަ ފުރޭ ވަރު ނުވަތަ ޖާގައެއް ހުސްވެއްޖެ ނަމަ އެ ޕޯޓަލް މެދުވެރިކޮށް އެނގޭނެ ކަމަށެވެ.

ޕޯޓަލުން ޕާކިން ޒޯންގެ ޖާގައަށް އެދޭ ފަރާތްތައް ފުރަން ޖެހޭ މަޢުލޫމާތާއި ހުށަހަޅަން ޖެހޭ ލިޔުންތައް އަދި އަމަލު ކުރަންޖޭހޭ ގޮތް ޕާކިން އުސޫލުން އެނގެން އޮންނާނެއެވެ. އަދި މައުލޫމާތު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް ޖާގަ ހުސް ވަންދެން ޖާގަ ކަށަވަރު ވަމުން ދާނެ ކަމަށާއި ޕާކިން އުސޫލާއި ޚިލާފަށް ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން މިއަދުން ފެށިގެން މާލޭ ސިޓީގެ އެހެން ޕާކިން ޒޯންތަކުގެ ޖާގަ ދޫކުރުމާއި ގުޅޭ ތަފްސީލްތަކާއި ޖާގަ ހުރި ވަރު އެ ޕޯޓަލް މެދުވެރިކޮށް ބެލޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް