ޝުޖާއު މާދަމާ ފުލުހަށް ހާޒިރު ކުރަނީ

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ. އިދިކޮޅު މައި ޕާޓީ އަދި ޕީއެންސީ އާއި އެކު ކޯލިޝަން ހަދައިގެނ...

22 Nov 2020 | 07:19

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.

އިދިކޮޅު މައި ޕާޓީ އަދި ޕީއެންސީ އާއި އެކު ކޯލިޝަން ހަދައިގެން މަސައްކަތް ކުރާ ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޝުޖާއު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރު ފަހު 2:30 އަށް ކަމަށެވެ. އެކަމަކު ޝުޖާއު ފުލުހުން ހާޒިރު ކުރާ ސަބަބެއް އަދި ފުލުހުން ނާންގާ ކަމަށް ވިދާޅުވި އެވެ.

މިމަހުގެ ތިން ވަނަ ދުވަހު ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް އިދިކޮޅު ކޯލިޝަނުން "ބަޑި ބުރާސްފަތި" ނަމުގައި ޕީޕީއެމް އޮފީސް ސަރަހައްދުގައި ޖަލްސާ ބޭއްވި މައްސަލައިގަ އެރޭ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަތަރު ގަޑިއިރު ބައިންދާފައިވެ އެވެ. އަދި މިމަހުގެ ފަސް ވަނަ ދުވަހު އެ މައްސަލައިގަ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމަށް ފަހު ފަހު ވަގުތު ކެންސަލް ކުރި އެވެ.

މި މައްސަލައިގަ ޝުޖާއުއަށް ފުލުހުން ހަ ތުހުމަތެއް ކޮށްފައި އެވެ. އެ ތުހުމަތުތަކުގެ ތެރޭގައި އަމުރަށް ނުކިޔަމަންތެރިވުމާއި ވާޖިބަށް ހުރަސްއެޅުމާއި އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވުން ފަދަ ކަންކަން ހިމެނެ އެވެ.

ބަޑި ބުރާސްފަތި ޖަލްސާ ބޭއްވުމަށް އެޗްޕީއޭއިން ހުއްދަ ދިނީ އޮންލައިންކޮށެވެ. އެ މައްސަލައިގަ ޝުޖާއު އާއި ފުލުހުން ސުވާލު ކުރަނީ އޮންލައިންކޮށް އެ ޖަލްސާ ބޭއްވުމަށް އެޗްޕީއޭއިން ހުއްދަ ދީފައި ވަނިކޮށް އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް ގިނަ ބަޔަކު އެއްތަނަކަށް އެއްވެގެން ޖަލްސާ ކުރިޔަށް ގެންދާތީ ދެ ފަހަރު ނަސޭހަތް ދިނުމަށް ފަހު ރަނގަޅު ނުކުރުމުން ޖަލްސާ އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުއްވި ބޭފުޅަކަށް ވާތީ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް