ގާނޫނާއި ހިލާފުވާ ކުޑަކުދިންނަށް ދައުވާކޮށް އަދަބު ދިނުމުގެ ބަދަލުގައި ދެން އެންމެ ބޮޑަށް އިސްކަން ދޭނީ އެފަދަ ކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ގެންނަން ކަމަށް ޖުވެނައިލް ކޯޓުން ބުނެފި އެވެ.
އެ ކޯޓުން މިހެން ބުނީ މިމަހުގެ 20 ވަނަ ދުވަހު ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލު ކުރަން ފެށުމާއި ގުޅިގެން ނެރުނު ބަޔާނެއްގައި އެވެ.
މި ގާނޫނުގައި ގާނޫނާއި ހިލާފުވާ، އުމުރުން 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ހާއްސަ އުސޫލެއް ކަނޑައަޅާފައިވެ އެވެ. އަދި 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ގާނޫނާއި ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނާ އަދި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާމެދު ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާން ކޮށްފައިވެ އެވެ.
ޖުވެނައިލް ކޯޓުން ބުނީ ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނާއި ހިލާފުވާ ކުދިންގެ މައްޗަށް ދަޢުވާ ކުރުމުގެ ބަދަލުގައި ޑައިވާޝަން ޕްރޮގްރާމެއްގައި އެކުދިން ބައިވެރިކޮށް، އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި ދަޢުވާ ކުރަންޖެހޭ މައްސަލަތަކުގައި ކުދިންގެ މަސްލަހަތަށް ރިއާޔަތްކޮށް އެކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް އިސްކަން ދޭނެ ކަމަށް ބުނެ އެވެ.
ކުޑަކުދިންގެ މައްސަލަތަކުގެ ޝަރީޢަތްތައް ހިންގުމުގައާއި، އަދަބު ކަނޑައެޅުމުގައާ އަދި ޙުކުމް ތަންފީޒު ކުރުމުގެ މަރުޙަލާގައިވެސް، ކުދިން ޕްރޮބޭޝަންގައި ނުވަތަ އިޞްލާޙީ ޕްރޮގްރާމެއްގައި ބައިވެރިކޮށް އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނެސް، މުޖުތަމަޢުގައި ބިނާކުރަނިވި ދައުރެއް އަދާކުރާ ބަޔަކަށް ހެދުމީ، މި ގާނޫނުގައި އެންމެ ބޮޑަށް ބާރު އަޅާފައިވާ ކަން ކަމަށް އެ ކޯޓުން ބުނެ އެވެ.
މި ޤާނޫނަށް ޢަމަލުކުރަންފެށުމަށްފަހު، ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިހްތިސާސް ލިބިގެންވަނީ، ޖުވެނައިލް ކޯޓާއި، ޖުވެނައިލް ކޯޓުގެ ސަރަޙައްދީ ޑިވިޝަންތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް