މިދިޔަ މަހު ފިލްމީ ދާއިރާއާ ދުރަށް ގޮސް ބުރުގާ އެޅި ސަނާ ހާން ކައިވެނިކޮށްފި

ބޮލީވުޑްގެ ބަތަލާ އަދި މޮޑެލް ސަނާ ހާން ކައިވެނިކޮށްފި އެވެ. ސަލްމާން ހާން އާއި އެކު ފިލްމު "ޖެއި ހޯ" އިން ފެނިގެން ދިޔަ ސަނާ އެންމެ ބޮޑަށް މަޝްހޫރުވީ ކަލާސްއިން ދައްކާ ރިއަލިޓީ ޝޯ "ބިގް ބޮސް 6" އިންނ...

22 Nov 2020 | 02:35

ބޮލީވުޑްގެ ބަތަލާ އަދި މޮޑެލް ސަނާ ހާން ކައިވެނިކޮށްފި އެވެ.

ސަލްމާން ހާން އާއި އެކު ފިލްމު "ޖެއި ހޯ" އިން ފެނިގެން ދިޔަ ސަނާ އެންމެ ބޮޑަށް މަޝްހޫރުވީ ކަލާސްއިން ދައްކާ ރިއަލިޓީ ޝޯ "ބިގް ބޮސް 6" އިންނެވެ.  ސަނާ ފިލްމު ކުޅުމާއި މޮޑެލް ކުރުން ހުއްޓާލައި މުނިފޫހިފިލުވުމުގެ ދާއިރާ އާއި މުޅިން ދުރަށް ދިޔަކަށް ހާމަ ކުރީ މިދިޔަ މަހުގެ ތެރޭގައި އެވެ.

ސަނާ ކައިވެނި ކުރީ ގުޖްރާތްގެ ސޫރަތަށް ނިސްބަތްވާ މުފްތީ އަނަސް ކިޔާ މީހަކާއި އެވެ. އެ ދެމީހުން ކައިވެނި ކުރީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

ކައިވެނީގެ ހަފްލާގެ ފޮޓޯތަކާއި ކޭކު ފަޅާ ވީޑިއޯ ވަނީ އާންމު ކޮށްފައި އެވެ. ގޭގައި ބޭއްވި އެ ހަފްލާ ކުޑަ ނަމަވެސް ދެ ފަރާތުގެ އާއިލާ ބައިވެރިވުމުން ހަފްލާއަށް ފުރިހަމަކަން ގެނެސްދިން ކަމަށް އާއިލާ އާއި ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ.

ދާއިރާ އާއި ދުރަށް ދިޔަކަން އިއުލާނުކޮށް ސަނާ ކުރިން ބުނީ އޭނާ ދެން މަސައްކަތް ކުރާނީ އިންސާނިއްޔަތަށްޓަކައި ކަމަށެވެ. އަދި ފިލްމު ކުޅުމާއި މޮޑެލް ކޮށްގެން މަޝްހޫރުކަން ހޯދުމަކީ އޭނާ ދުނިޔެއަށް ފޮނުއްވި މަގުސަދު ނޫންކަން ވިސްނިއްޖެ ކަމަށް ބުނެފައިވެ އެވެ.

ސަނާ ބުނީ ނުވިސްނާ ތިއްބަ ކޮންމެ ވަގުތެއްގައިވެސް މަރުވެދާނެ ކަމާއި މަރުވުމަށް ފަހު ދެންވާނެ ގޮތާއި މެދު ވިސްނަން ޖެހޭ ކަމަށެވެ. އޭނާ ބުނީ އެ ދެ ކަމާއި މެދު އޭނާ ވިސްނާތާ ވަރަށް ދުވަސްވެއްޖެ ކަމަށެވެ.

އެ ދެ ސުވާލުގެ ޖަވާބު ލިބިފައިވަނީ ސަނާ ތަބާވާ އިސްލާމް ދީނުންކަން ފާހަގަކޮށް ބުނެފައިވަނީ ދުނިޔެއަކީ އާހިރަތުގެ ރަނގަޅަކަށްޓަކައި ލައްވާފައިވާ ތަނެއް ކަމަށާއި ހެއްދެވި ފަރާތް އެންގި ގޮތަށް އެކަލާންގެ އަޅުން އުޅުމުން ނޫނީ ރަނގަޅެއް ނެތް ކަމަށެވެ.

ސަނާ ވަނީ ފިލްމީ ދާއިރާ އާއި ދުރަށްދިޔަކަން އިއުލާނުކޮށް ބުރުގާ އެޅުމަށް ފަހު އޭނާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ކުރި ކުރީގެ ފޮޓޯތައް ނަގާފައި އެވެ. އަދި މިހާރު މުޅިންވެސް ހުރީ އޭނާ ބުރުގާ އަޅައިގެން ނަގާފައި ހުރި ފޮޓޯތަކާއި، ދީނީ ނަސޭހަތްތަކާއި މިދިޔަ އަހަރު އޭނާ އުމްރާއަށް ކުރި ދަތުރުގެ ފޮޓޯތަކުގެ އިތުރުން އިސްލާމީ އުންމަތަށް ނަސްރު ދިނުމަށް އެދި ކޮށްފައިވާ ޕޯސްޓުތަކެވެ.

ސަނާ ބޮލީވުޑުން ފުރަތަމަ ފެނުނީ 2005 ގައި ރިލީޒްކުރި ހިންދީ ފިލްމު "ޔޭ ހޭ ހައި ސޮސައިޓީ" އިންނެވެ. އޭގެ ފަހުން ވަރަށް ގިނަ ހިންދީ، މަލަޔާލަމް، ތެލުގޫ، ތަމަޅަ އަދި ކަންނާޑާ ބަހުން އުފައްދާފައިވާ ފިލްމުތައް ކުޅެފައި ވެއެވެ.

ސަނާގެ އިތުރުން ބަތަލާ ޒާއިރާ ވަސީމް ވެސް ވަނީ އިސްލާމް ދީނުގެ މަގުގައި ކުރިޔަށް ދިއުމަށް ބޮލީވުޑާއި ދުރަށް ދިޔަކަން އިއުލާނުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް