ޢަލީ އަޝްފާގޭ ބުނީމަ ބައެއް މީހުންނަށް ފަހަރުގައި އޮޅުން އަރައިފާނެ އެވެ. ނަމަވެސް ދަގަނޑޭ ނުވަތަ ދަގޭ އޭ ބުނީމަ އެއީ ކާކުކަން ނޭނގޭ ކުޑަކުއްޖަކުވެސް ނުހުންނާނެ އެވެ.
ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާ އަދި ދުނިޔޭގެ ގިނަ ގައުމުތަކުގައި ރާއްޖޭގެ ދަގަނޑޭ ނުވަތަ “މޭން އޮފް ސްޓީލް” އަކީ މަގުބޫލު ޝަޚްސިއްޔަތެކެވެ. ޚާއްސަކޮށް ފުޓްބޯޅަ ދަނޑުތަކުގައި މިއީ އަބަދުގެ އަބަދަށް ފަނޑުވުމެއް ނުވާނޭ ނަމެއްކަން ޔަގީނެވެ.
އަޅުގަނޑުގެ މި ލިޔުމުގައި “އަޝްފާގު” މިހެން ބޭނުން ކުރުމުގެ ބަދަލުގައި ބޭނުންކުރާނީ “ދަނގަޑޭ” އެވެ. އެއީ އެންމެ ތުއްތު ކުއްޖާއަށް ވެސް ފަހުމުކޮށްދިނުމުގެ ބޭނުމުގަ އެވެ.
މާ ހާސަރު ދިގުނުކޮށް ކުރިއަށް ދަމާހެއްޔެވެ.
އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން މިހާރު ކުރިއަށް ގެންދާ އޭއެފްސީ ބްރެކެޓް ޗެލެންޖް ގެ ސެމީފައިނަލުގައި ދަގަނޑޭ އާއި ވިއެޓްނާމުގެ ގުޔެން ގުއެންގް ވާދަކުރާ ސެމީފަނަލް ބުރުގެ ވޯޓުލުން މިހާރު ހުޅުވާލާފައިވާ އިރު، ދަނގަޑޭގެ ސަޕޯޓަރުން އަންނަނީ އޭނާއަށް ވޯޓު ހޯދައިދިނުމަށް ގިނަ ހަރަކާތްތަކެއް ރާވައި، ހިންގަމުން ނެވެ.
އެގޮތުން ދަގަނޑޭއަށް ވޯޓު ހޯދައިދީ، ފައިނަލަށް ގެންގޮސް، ފައިނަލުން ވެސް މޮޅުކޮށްދިނުމަށް ސޯޝަލް މީޑިއާގައި ޚާއްސަ ކެމްޕޭނެއްވެސް ވަނީ ފަށާފައެވެ.
ދަގަނޑޭއަށް ސަޕޯޓުކުރާ ގިނަ ޢަދަދެއްގެ ދިވެހިން ވައިބަރ، ޓެލެގްރާމް އަދި މިފަދަ މަންސަ (ޕްލެޓްފޯމް) މެދުވެރިކޮށް އަންނަނީ ދަގަނޑޭއަށް ވޯޓު ހޯދުމަށް މަސައްކަތް ކުރަމުން ނެވެ.
ދިވެހިންނަކީ އަބަދުވެސް އެއްބައިވަންތަ، އެއްބައެއްވަންތަ ބައެއްކަން ދައްކުވައިދެނީ މިފަދަ ހަރަކާތްތަކުންނާއި ގައުމަށް ދިމާވާ ކާރިސާތަކުން ނެވެ.
އެހެންކަމުން ދަގަނޑޭ އަށް ވޯޓު ދިނުމަކީ ވެސް ގައުމީ ވާޖިބެއްގެ ގޮތުގައި ދަގޭގެ ސަޕޯޓަރުން ބުނަމުން އަންނަ އިރު، ފަރުދީ ޒިންމާ އަދާ ކުރުމަށް ވެސް އެފަރާތްތަކުން އަންނަނީ ބުނަމުން ނެވެ.
“މިއީ އަޅުގަނޑުމެން ދިވެހީންގެ އެއްބައިވަންތަކަން ދައްކުވައިދޭން ވީ ވަގުތު. މިއީ ގައުމީ ކަމެއް. ގައުމީ ވާޖިބެއް. މި ފަޚުރު ލިބޭނީ ދަނގަޑޭއަށް އެކަންޏެއް ނޫން. ދިވެހި ގައުމަށް. ދިވެހީންނަށް.” ދަނގަޑޭ އަށް ވޯޓު ހޯދުމަށް އުފައްދާފައިވާ ވައިބަރ ގްރޫޕެއްގައި ބުނެފައި ވެއެވެ.
މި ޗެލެންޖުގެ ސެމީފައިނަލުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ، ހޮންގކޮންގ، މެލޭޝިއާ އަދި ވިއެޓްނާމް އެވެ.
އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ސެމީފައިނަލުގައި ދަގަނޑޭ ވާދަކުރަނީ ވިއެޓްނާމުގެ ގުޔެން ގުއެންޑް ހައި އާއެވެ.
ވޯޓުލާން ބޭނުންވާ ފަރާތްތަކުން ” އޭއެފްސީގެ ވެބްސައިޓް “ މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޗެލެންޖުގެ ކުއާޓަރ ފައިނަލުގައި ވިއެޓްނާމުގެ ގުޔެން ވެން ގުޔެޓް އާ ދަނގަޑޭ ވާދަކޮށް ދަގަނޑޭއަށް ލިބުނީ 51.45 އިންސައްތަ ވޯޓެވެ. އަދި ވިއެޓްނާމުގެ ގުޔެން ވެން ގުޔެތް އަށް ލިބުނީ 48.55 އިންސައްތަ ވޯޓެވެ.
އެހެންކަމުން ކްއާޓަރ ފައިނަލުގެ ތަފާތަށް ވުރެ، ސެމީގެ ތަފާތު ބޮޑުކޮށް، ރާއްޖެއަށް ރީތި ނަން މި ނާޒުކު ދަނޑިވަޅުގައި ހޯދައިދިނުމަށް އެންމެހައި ރައްޔިތުންގެ ކިބައިން އެދެމެވެ.
ވޯޓުގެ ނަތީޖާ މިހާރު ދައްކާގޮތުން ދަނގަޑޭ ކުރީގައި އޮތްނަމަވެސް މިއީ އެއްގޮތަކަށްވެސް ވޯޓު ދިނުމަށް ފަރުވާ ކުޑަކޮށްލަންވީ ވަގުތެއްނޫނެވެ. އާބާދީގެ ގޮތުން ބަލައިލި ކަމުގައި ވީނަމަވެސް ރާއްޖެއާއި އަޅާބަލާއިރު، އެތައްގުނަ ބޮޑު އާބާދީއެއް އޮތް ވިއެޓްނާމްގެ ގުޔެން ގުއެންގް ހައި ބަލިކުރެވޭނެ ކަމުގެ އުންމީދު އެބައޮތްކަން މިހާރުގެ ނަތީޖާއިންވެސް ހާމަވެއެވެ.
އެހެންކަމުން މާދަމާގެ އެކެއް ޖެހުމާއި ހަމައަށް ދިވެހި ރަޔިތުން މިހާރުވެސް ޤައުމީ ކަމެއްގެ ގޮތުގައި ދެކި އަޝްފާގަށް ވޯޓު ދިނުމުގައި ކުރަމުން ތިގެންދަވާ މަސައްކަތަކީ މި ޗެލެންޗް ރާއްޖެއަށް ކާމިޔާބް ކުރުމަށް އެޅިގެންދާނެ އެންމެ މުހިންމު ފިޔަވަޅަށް ވެގެންދާނެއެވެ.
މިއީ ގައުމަށް ދެވޭ ވޯޓެކެވެ. ފަޚުރު ލިބޭނީ “ދިވެހިރާއްޖެ” އަށެވެ. އެންމެފަހު ވަގުތާ ހަމައަށް މަޑު ނުކުރައްވާ އަވަހަށް ވޯޓު ދެއްވާށެވެ. ފަރުދީ ޒިންމާ އަދާ ކުރައްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް